ޚަބަރު

ހުޅުމާލޭގައި ބްލަޑް ކޭމްޕެއް ފަށައިފި


ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އަމާޒްކޮށްގެން ލޭހަދިޔާ ކުރުމުގެ ހަރަކާތެއް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ފަށައިފިއެވެ. މިހަރަކާތް ފެށުމުގެ ގޮތުން ހުޅުމާލެ ޖެމްސް ޕްރީސްކޫލުގައި ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވީ، ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް އެވެ. މިހަރާކާތް ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ލޭ ބޭނުންވާ ހިނދެއްގައި ލޭ ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖައްސައިދެއްވުމަކީ އަސާސީ ޚިދުމަތެއްކަމަށާއި، އެޗް.ޑީ.ސީ އާ މޯލްޑިވްސް ބްލަޑް ސަރވިސް ގުޅިގެން މި ފެށި ލޭހަދިޔާ ކުރުމުގެ ހަރަކާތް އެހެން ކުންފުނިތަކާއި މުއައްސަސާތަކާއި ގުޅިގެން މޯލްޑިވްސް ބްލަޑް ސަރވިސުން ކުރިއަށްގެންދެވުން މުހިންމުކަމުގައި ވިދާޅުވިއެވެ.ބްލަޑް ކޭމްޕާއި ގުޅޭގޮތުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ކުރިން ބްލަޑް ކޭމްޕް ބާއްވަމުންދަނީ ހަމައެކަނީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަމަށާއި، މިކަން ފުޅާކުރުމުގެ ގޮތުން މުޅި ހުޅުމާލެއަށް ހުޅުވާލީކަމަށެވެ.މީގެއިތުރުން ހެލްތުމިނިސްޓަރ މިއަދުވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާތަތްކުރައްވާ އެހޮސްޕިޓަލުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ޚިދުމަތް ދެވެމުންދާ ގޮތާގުޅޭގޮތުން ހޮސްޕީޓަލުގެ ވެރިންނާއެކު މަޝްވަރާކުރެއްވިއެވެ. ހުޅުމާލޭގައި ގާއިމްކުރާ ކަރަންޓިން ފެސިލިޓީ ހަދާ ތަނަށްވެސް މިނިސްޓަރ މިއަދު ޒިޔާތަރްކުރެއްވިއެވެ.