ޚަބަރު

ޖަޕާނު ސަރުކާރުގެ 7.6 މިލިއަން ޑޮލަރުގެ އެހީއާއެކު އެމް.އާރު.ސީ.ސީ ތަރައްޤީކުރަނީ


ރާއްޖޭގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނާއި ޔޫ.އެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫ.އެން.އޯ.ޑީ.ސީއާއެކު އެއްބަސްވެއްޖެއެވެ. ޖަޕާނުން އަންނަނީ ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އެކިބާވަތުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވިލިމާލޭގައި ހުންނަ އެމް.އެން.ޑީ.އެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު އިތުރަށް ތަރައްޤީކުރުމަށް ޖަޕާނު ސަރުކާއާއި އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ޔޫ.އެން.އޯ.ޑީ.ސީއިން ނިންމާފައިވަނީ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މިމަޝްރޫޢޫގެ ދަށުން އެމް.އާރު.ސީ.ސީގައި ޓްރެއިނިންގ ސެންޓަރެއް ތަރައްޤީކޮށް އެތަނުގައި ޓްރެއިނިގް ޕްރޮގްރާމްތައް ހިންގުމަކީ ޖަޕާން ސަރުކާރާއި ޔޫ.އެން.އޯ.ޑީ.ސީގެ އަމާޒެކެވެ. ޖުމްލަ 7.6 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން ކޯސްޓް ގާޑުގެ އޮފިސަރުންނާއި ޤާނޫނު ތަންފީޒުކުރުމަށް ޙަރަކާތްތެރިވާ އެހެނިހެން އިދާރާތަކަށްވެސް ޓްރެއިނިންގތައް ހިންގުމަށްވަނީ ނިމްމާފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކަނޑުފޭރުމާއި މަސްކަނޑުތަކުން ވައްކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ފަދަ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް އިތުރުވެފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތަކުން ދިވެހި ޤައުމު ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމް.އާރު.ސީ.ސީ އަކީ ކޯސްޓް ގާޑުގެ "ސަރޗް އެންޑް ރެސްކިޔު" އޮޕަރޭޝަންތައް ވިލަރެސްކުރާ މައި މަރުކަޒުކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވަނީ، މި ޓްރެއިނިންގ ފެސިލިޓީގެ ސަބަބުން، ގިނަ ޢަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެ، ކޯސްޓް ގާޑުގެ ޤާބިލްކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާވަނީ ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރުމަހު ޖަޕާނުންވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް 7.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖެ ފަދަ ޤައުމަކަށް ބޭނުންތެރި މުހިއްމު ދާއިރާތަކުން ތަމްރީން ޕްރޮގްރަމްތައް ހިންގުމަށް ޔޫ.އެން.އޯ.ޑީ.ސީން އަދާކުރާ މުހިންމު ދައުރަށްޓަކައި، އެއިދާރާއަށް މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާއި، ޔޫ.އެން.އޯ.ޑީ.ސީގެ ކްރައިމް ޕްރިވެންޝަން އެންޑް ކްރައިމް ޖަސްޓިސް އޮފިސަރ އޮފް ދަ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް މަސަޓޯމޯ ޔަމަގޫޗީއާއި، ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް އަޙްމަދު ޚަލީލާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.