ޚަބަރު

އެންމެފަހުން، ކޮވިޝީލްޑް ވެކްސިން ޖަހަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި


އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނާމެދު ކުރިން ބައެއް ސުވާލުތައް އުފެއްދި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން، އެންމެފަހުން ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންވަނީ ވެކްސިން ޖެހުމާ ގުޅޭގޮތުން ބައެއް ސުވާލުތައް އުފައްދަވައި ވެކްސިންގެ ރައްކާތެރިކަމާމެދުވެސް ހަގީގަތެއް ނެތް ބައެއް ވާހަކަތައް ދައްކަވާފައެވެ. އަދި ވެކްސިނާ ދެކޮޅަށް މާލޭގައި އިދިކޮޅު ފަރާތްތަކުންވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެންމެފަހުން ވެކްސިން ޖެހުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައިވަނީ އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް މަރުކާގެ ވެކްސިން، ޢުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމުގެ އިމަރޖަންސީ ހުއްދަ ރަސްމީ ސިފައެއްގައި ޑަބްލިއުއެޗްއޯއިން ދިނުމާއެކު، އަދި ކުރިން ހުއްދަ ދީފައިވާ ފައިޒަރ-ބަޔޯއެންޓެކް މަރުކާގެ ވެކްސިންގެ އިތުރުން އެ ދެމަރުކާވެސް ބޭނުންކުރުމަށް އެޖަމްޢިއްޔާއިން ގޮވާލާފައިވާތީ، އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ގޮވާލާކަމަށެވެ.

ވެކްސިން ޖެހުމަށް ގޮވާލުމުގެ އިތުރުން، ޑަބްލިޔު.އެޗް.އޯ މެދުވެރިކޮށް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައިވާ ހިނދު، އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން، އެކޯލިޝަނުގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށްއޮތް ދުވަސްތަކުގެތެރޭގައި ވެކްސިން ޖަހާނެކަމަށްވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.