ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ، ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށް!


ކޯވިޑުގެ ހާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދި ކާމިޔާބީ މިވަނީ ދުނިޔެއަށް މިސާލަކަށްވެފައެވެ. ގިނަ ޤައުމުތަކަކުން މިހާރުދަނީ ރާއްޖެއިން އެވަރުގެ ކުރިއެރުމެއް ހޯދީ ކިހިނެތްތޯ ބަލާ ރާއްޖެއިން އެޅި ފިޔަވަޅުތައް ދިރާސާކޮށް އެގޮތަށް އަމަލުވެސް ކުރަމުންނެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރަން ޖެހުނު ނަމަވެސް 2020 ވަނަ އަހަރު ނިމުނު އިރު ކުރިން ލަފާކުރި އަދަދަށްވުރެ އިތުރަށް ރާއްޖެއަށް ވަނީ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ބޯޑަރު ހުޅުވާލުމަށްފަހު ސަރުކާރުން ލަފާ ކުރީ 2020ވަނަ އަހަރުތެރޭ ރާއްޖެއަށް 5 ލައްކަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ. އެހެންނަމަވެސް އަހަރު ނިމުނު އިރު ރާއްޖެއަށްވަނީ 555494 ފަތުުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީއަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ އެކަމާ ގުޅޭ މައުލޫމާތުތައް ގެނެސްދެމުންނެވެ. މިގޮތުން އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވޯކް ސީއެންއެންގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ އާޓިކަލްއަކީ ފާހަގަކޮށްލެވޭ އާޓިކަލްއެކެވެ.

ކޯވިޑުގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ދިޔަ ސަބަބުތައް ބަޔާންކޮށް ލިޔެފައިވާ އެ އާޓިކަލްގައިވެސް އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ އެހެން ޤައުމުތަކުން ބޯޑަރުތައް ހުޅުވާލުމަށް ފަސްޖެހެމުން ދިޔަ ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖެއިން ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލުމެވެ. އަދި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކުރި މަސައްކަތާއި ރާއްޖެއަކީ ވަކިން ކޮންމެ ރަށެއްގައި ވަކި ރިސޯޓެއް ހިންގާ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުމަށް ކުރިއަށްގެންދިޔަ ކެމްޕެއިންތަކާއި މަސައްކަތްތައް ސީއެންއެންއިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ހިންގަމުންދާއިރު، މީގެ ސަބަބުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގުފަހިވެގެން ވަނީ ގޮސްފައެވެ. އެގޮތުން މިފަދަ ރިސޯޓްތަކުގައި ކޯވިޑަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ޤާއިމްކުރެވިފައިވާއިރު، އެފަދަ ރިސޯޓްތަކުން ލިބިދޭ ޕްރައިވެސީއާއެކު އެހެން މީހުންނާއި ގައިދުރުކަން ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ސީއެންއެންއިން ވަނީ ރާއްޖޭގެ ރިސޯޓްތައް ހިންގާ ބައެއް ފަރާތްތަކާއިވެސް ވާހަކަދައްކާފައެވެ. އެގޮތުން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގެ ޖެނެރަލް މެނޭޖަރވަނީ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ދަށްވި ނަމަވެސް، ފަތުރުވެރިން އެރިސޯޓުގައި ހޭދަކުރާ ޗުއްޓީގެ ދިގުމިން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުނެފައެވެ.

ރިސޯޓްތަކުން ވަނީ ގިނަ ދުވަސް ހޭދަކުރަން ބޭނުންވާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަފާތު ޕެކޭޖްތައްވެސް ތަޢާރަފްކޮށްފައެވެ. އެއީވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުވި ސަބަބެކެވެ.

2020 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ކާމިިޔާބީއެއް ހޯދި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިއީ ސަރުކާރާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުގެ ބުރަ މަސައްކަތެވެ. ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މިހާރު ރާއްޖޭގައި ކޯވިޑަށް ވެކްސިން ޖަހަންފަށާފައިވުމުން މި އަދަދާއި ހަމައަށް ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.