ޚަބަރު

ޓަރފް ރޯލުވެއްޓި ހިނގި ހާދިސާގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ


މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ޓަރފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން ޢަލީއެވެ. އިމްރާން ނިޔާވީ އައިޖީއެމްއެޗްގެ އައި.ސީ.ޔޫގައި ފަރުވާދިނުމަށްފަހު، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 1:30 ހާއިރެވެ. އޭނާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި 4 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި އިމްރާނަކީ "މިނާ އިންވެސްޓްމަންޓް“ ގުރޫޕުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. މި ހާދިސާގައި އިމްރާނަށް އަނިޔާވެފައިވަނީ ޓަރފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއް ވެއްޓިގެންނެވެ.

މިދިޔަމަހުގެ 7 ވަނަ ދުވަހުވެސް ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.

އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ދަންވަރު ހިނގި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން މިނާ އިންވެސްޓްމަންޓް ގުރޫޕާއި، އެހާދިސާއާ ގުޅުންހުރި އޮޕަރޭޝަންގައި މަސައްކަތްކުރަމުންދިޔަ އެމް.ޕީ.އެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފައެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ގޮތުން ކުންފުންޏާއި ގްރޫޕް ސަސްޕެންޑް ކުރީ އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ކުރިއަށްގެންދާ މިހާދިސާގެ ތަހުޤީގުން ވަކި ގޮތެއް ކަނޑައަޅަންދެންނެވެ. މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ޤަވާއިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.