ޚަބަރު

ހިޔާ ފްލެޓުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދީފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ 7000 ހައުސިން ޔުނިޓަށް ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.

އެމަސައްކަތް ކޮށްފައިވާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ވިދާޅުވީ އެމަސައްކަތް ނިންމާލާފައިވަނީ ތާވަލުކުރި މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ. އެގޮތުން "ހިޔާ" މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ 7000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމަށް ބޭނުންވާ 3.7 ކިލޯމީޓަރުގެ ދިގު ފެނުގެ މައި ނެޓްވޯކާއި 3.5 ކިލޯމީޓަރުގެ ނަރުދަމާ، މައި ނެޓްވޯކް އާއި 200 މީޓަރުގެ ދިގު ޕަމްޕިން ލައިނެއް ވަނީ އަޅާފައެވެ.

މީގެ އިތުރުން ހައުސިން ޔުނިޓުތައް ހިމެނޭ ސަރަހައްދުގައި ނަރުދަމާގެ ޕަމްޕިން ސްޓޭޝަން ބަހައްޓައި، 16 ޓަވަރަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށާއި ހައުސިން ޔުނިޓުތަކުގައި ފެން މީޓަރުތައް ވެސް ބަހައްޓާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެ ކުންފުނިން ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި އަލަށް ތަރައްގީކުރި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަހަވީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގައެވެ. ހިޔާ މަޝްރޫއުގެ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720އަށް ބަދަލުކޮށްފައެވެ.

ހިޔާ ފްލެޓަށް އެދި 23،000އަށްވުރެ ގިނަ މީހުން ކުރިމަތިލިއިރު ވަގުތީ ލިސްޓަށް ޖުމްލަ 8320 ޝަކުވާ ހުށައެޅިއެވެ.

2018ވަނަ އަހަރު ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވާލިނަމަވެސް، "ފްލެޓްތަކުގެ މައްސަލަވަލާ ކޮމިޓީ" އުފައްދަވާ މަސައްކަތްފެށީ ފްލެޓް ލިބެނީ އެންމެ ޙައްގުވެރި ފަރާތްތަކަށްކަން ކަށަވަރުކުރުމަށެވެ. މިކަމުގައި އެންމެ ބޮޑު މަސައްކަތަކަށްވީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ޙާލަތު ދެނެގަތުމެވެ. 2018ވަނަ އަހަރު ހެދި ލިސްޓުގައި މި ބަޔަށް ޕޮއިންޓްދިނީ ހުށައަޅާފައިވާ މަޢުލޫމާތަށް ބެލުމަށްފަހުއެވެ. ނަމަވެސް ފަހުންވަނީ ފްލެޓް ކޮމިޓީގެ މުއައްޒަފުން ގޭގެއަށް ގޮސް ޙާލަތު ބަލާ ޕޮއިންޓް ދީފައެވެ.

މިގޮތުން މާލެއިން 16912ގެއަށް އަދި އަތޮޅުތަކުން 2226ގެއަށް ދިރިއުޅުމުގެ ޙާލަތު ބެލުމަށް ގޮސްފައިވެއެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ފޯމް ހުށައެޅުނީ އެކަނިވެރި މައިންނާ ބަފައިންނަށް ޚާއްސަ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީންނެވެ.