ޚަބަރު

އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިއަހަރު 50 ބައިވެރިންނަށް ތަމްރީންދެވޭނެ


ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ، ޓިވެޓް އާއި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ފަހުމްނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެއޮތޯރިޓީގެ ޑިރެކްޓަރ އައިމނަތު އަސްރާއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ.

އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުލްޓައިމްކޮށް، މަސައްކަތު މާހައުލުގައި ދެވޭ ތަމްރީން ޕްރޮގްރާމެއްގެ ގޮތުގައެވެ. މިޕްރޮގްރާމުގެ ބައިވެރިންނަށް ވަޒީފާގެ މާހަވްލުގައި އުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދިއުުގެ އިތުރުން ވަޒީފާގެ ދާއިރާގެ މަސައްކަތާ ގުޅޭގޮތުން އިތުރަށް އުނގެނުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ޓިވެޓް އޮތޯރިޓީން މަޢުލޫމާތުދެއެވެ.

މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑރަޑްގެ މިންގަނޑުތަކާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 50 ބައިވެރިންނަށް 4 ދާއިރާއަކުން ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި 50 ބައިވެރިންގެ ތެރޭގައި ހިމެނެނީ އޮޓޮމޯޓިވް މެއިންޓަނަންސްގެ ދާއިރާއިން ތަމްރީންކުރާ 10 މީހުންނާއި، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގެ ދާއިރާއިން 2 މީހުންނާއި، އިލެކްޓްރީޝަންގެ ދާއިރާއިން 2 މީހުންނާއި، ރީޓެއިލް ސަރވިސަސްގެ ދާއިރާއިން ތަމްރީންކުރާ 36 މީހުންނެވެ.

މިޕްރޮގްރާމުން ފާސްވާ ބައިވެރިންނަށް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް ޓިވެޓް އޮތޯރިޓީން މަޢުލޫމާތުދެއެވެ. މިޕްރޮގްރާމްގެ މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ދިވެހިން ބިނާކޮށް އަދާކުރާ ވަޒީފާއަކާ ގުޅޭ ތަމްރީން ލބިފައިވާ ފެންވަރު ރަނގަޅު ދިވެހިން އިތުރުކުރުން ކަމަށް ޓިވެޓް އޮތޯރިޓީން މަޢުލޫމާތުދެއެވެ.