ޚަބަރު

ޢަލީ ވަހީދު ފުރި މައްސަލައާ ގުޅިގެން ޕީޖީ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަނީ


ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވިފައިވާ ގޮތް ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލިސް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިމައްސަލާގައި ކަން ހިނގާފައިވާގޮތް ބެލުމަށްޓަކައި ޕީޖީ ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. ކޮމިޓީ މެމްބަރަކު ވިދާޅުވީ ޕީޖީ ހާޒިރުކުރާ ދުވަހު ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާކުރުމުގެ މަރުޙަލާގައި ކަންކަން ހިނގާފައިވާގޮތްވެސް ސާފު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ކޮމިޓީން ޕީޖީ ހާޒިރު ކުރުމަށް ވަކި ދުވަހެއް ނިންމާފައި ނުވިނަމަވެސް މިހަފްތާގެ ބައްދަލުވުމަކަށް ހާޒިރުކުރުމަށް ނިންމާފައިވާކަމަށް ކޮމިޓީގެ މެމްބަރަކު ވިދާޅުވިއެވެ.

ޢަލީ ވަޙީދުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅުއްވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި އެދިވަޑައިގަތީ ނާއިބު ރައީސް އީވާ އަބްދުﷲ އާއި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ޙުސައިން އާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޢަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދޮ މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ހައިކޯޓުގައި ޕީޖީ އޮފީހުންވަނީ މިހާރު އިސްތިއުނާފް ކޮށްފައެވެ. އަދި މިމައްސަލާގައި ޕާސްޕޯޓް ދޫކޮށް ފުރަން ހުއްދަ ދެއްވި ޤާޒީ ހަސަން ސައީދުގެ މައްސަލަވެސް ބަލައި ދިނުނަށް ޕީޖީ އޮފީހުން ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ.