އަތޮޅުތެރޭގައި މާދަމާއިން ފެށިގެން، ޢުމުރުން 60 އަހަރުން މަތީގެ މީހުނަށް ވެކްސިން ދޭން ފަށާނެކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ. މީގެ އިތުރުން މިވަގުތު ކޯވިޑް-19ގެ ވެކްސިން ދޭން ނުފެށޭ އިތުރު ރަށްރަށުގައި ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމްގެ ފަރާތުން ވާހަކަދައްކަވަމުން މުޙައްމަދު ހަމްޒަތު ވިދާޅުވީ ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ކުރިއަށްދަނީ ވަރަށް ކާމިޔާބުކަމާއެކުކަމަށެވެ.
އެގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ވެކްސިން ދިނުމުގެ ކަންކަން ފުޅާކުރަމުން އަންނަކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެގޮތުން އަންގާރަ ދުވަހުން ފެށިގެން އައްޑޫ ސިޓީއާއި ކުޅުދުއްފުށީގެ އިތުރުން މިވަގުތު ވެކްސިން ދިނުމުގެ ކަންކަން އަތޮޅު ތެރޭގައި ހަމަޖެހިފައިވާ ސެންޓަރުތަކުން ޢުމުރުން 60 އަހަރުން މަތީގެ މީހުނަށް ވެކްސިން ދެމުންގެންދާނެކަމަށެވެ.
"އެންމެ ފުރަތަމަ ވެކްސިން ޕްރޮގްރާމް ފެށިގެންއައިއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަކަށް ނުގެންދޭ. އެހެންނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ޕްރޮގްރާމްތައް ހިންގަމުން އަންނަނީ. ވެކްސިން ދިނުމަށް ހުއްދަތައް ދޫކުރުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މިންގަނޑަށް އެބަބަލަންޖެހޭ. ވެކްސިންގެ ސަބަބުން އެއްވެސް ރިއެކްޝަނެއް އަންނަ ނަމަ އެފަދަ ޙާލަތަކަށް ތައްޔާރު ތަންތަނަށް ހުއްދަ ދޫކުރަމުންދަނީ." މުޙައްމަދު ހަމްޒަތު ވިދާޅުވިއެވެ.
ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ވެކްސިން ދެމުން ގެންދާ މީހުންގެ ކެޓަގަރީތައް އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން މިހާރު ގޭގެއަށް ގޮސްގެން އެނދުމަތި ވެފައިވާ މީހުންނަށާއި ޢުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގުމުއްދަތަކަށް ބޭސްކުރަންޖެހޭ ފަރާތްތަކަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ. މިހާތަނަށް އެނދުމަތިކުރެވިފައިވާ މީހުންގެ ތެރެއިން 46 މީހުނަށް ވެކްސިން ދެވިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި އެނދުމަތި ވެފައިވާ މީހުނނަށް ވެކްސިން ދިނުމަށްޓަކައި ރަޖިސްޓަރކުރުމަށް އެޗްޕީއޭގެ ކޯވިޑް ހޮޓްލައިން 1676އަށް ގުޅުމަށް އެޗްއީއޯސިން އިލްތިމާސްކުރައްވައެވެ.
"އެނދުމަތި ވެފައިތިބެ މީހުންނަށް ވެކްސިން ދިނުމަށް އިތުރު ޓީމްތައް ތައްޔާރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަތޮޅުތެރޭގައި އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިހާރު ދެމުން ގެންދާނެ." މުޙައްމަދު ހަމްޒަތު ވިދާޅުވިއެވެ.
ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ވެކްސިން ދޭން ފަށާފައިވާއިރު މިހާތަނަށް ސާޅީސް ތިންހާހަށްވުރެ ގިނަ މީހުނަށްވަނީ ވެކްސިން ދީފައެވެ. އަދި ވެކްސިން ޕްރޮގްރާމް ނުހުއްޓި ކުރިއަށްގެންދެވޭނެކަމަށާއި އިތުރު ވެކްސިންތައް މިމަހުގެ ތެރޭގައިވެސް ލިބިގެންދާނެކަމުގެ ޔަގީންކަން އެޗްއީއޯސީން ވަނީ ދެއްވާފައެވެ.