ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ކްއާޓަރ ފައިނަލަށް އޮސާކާ އާއި ސެރީނާ


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖަޕާންގެ ނައޯމީ އޮސާކާ އާއި ސެރީނާ ވިލިއަމްސް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކްއާޓަރ ފައިނަލުން ނައޯމީ ޖާގަހޯދީ ހަތަރުވަނަ ބުރުގައި ސްޕެއިންގެ ގަރބީން މުގުރުޒާއާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް ނައޯމީ ކާމިޔާބުކުރީ ފަހަތުން އަރާ 2 ސެޓް އެއްސެޓުންނެވެ. އެއީ ފުރަތަމަ ސެޓް ހަތަރެއް ހަޔަކުން މުގުރުޒާ ކާމިޔާބުކޮށްފައިވަނިކޮށް ފަހު ދެސެޓް ހައެއް ހަތަރެއް އަދި ހަތެއް ފަހަކުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފަހު ސެޓްގައި ނައޯމީ ފަސް ގޭމް ތިން ގޭމުން ފަހަތުގައިވެސް އޮތެވެ. ނަމަވެސް ނައޯމީވަނީ ޖެހިޖެހިގެން ހަތަރު ގޭމް ކާމިޔާބުކޮށް މެޗް އޭނާ ކޮޅަށް އަނބުރާލާފައެވެ. ނައޯމީ ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ޓައިވާންގެ ސިއޭހް ސޫ ވެއި އާއިއެވެ. ސޫވެއި ކުއާޓަރ ފައިނަލުން ޖާގަހޯދީ ހަތަރުވަނަ ބުރުގައި މުބާރާތުގައި 19 ވަނައަށް ސީޑް ކުރެވިފައިވާ މާކެޓާ ވޮންޑްރޮއުސޯވާ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުން އެމެރިކާގެ ސެރީނާ ވިލިއަމްސްވެސް ވަނީ ޖާގަހީދާފައެވެ. ސެރީނާ ކުއާޓަރ ފައިނަލުން ޖާގަހޯދީ ހަތަރުވަނަ ބުރުގައި ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއި ބައްދަލުކުރިމެޗް 2 ސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ދެއެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ. މި ކާމިޔާބީއާއެކު 24 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ސެރީނާ ވަނީ އޭނާގެ އުންމީދު އާކޮށްފައެވެ. ކުއާޓަރ ފައިނަލްގައި ސެރީނާ ބައްދަލުކުރާނީ މުބާރާތުގެ ދެވަނަ ސީޑް ސިމޯނާ ހަލެޕް އާއެވެ. ހަލެޕް ކުއާޓަރ ފައިނަލުން ޖާގަހޯދީ ހަތަރުވަނަ ބުރުގައި އިގާ ސްވިއަޓެކް އާއި ބައްދަލުކުރިމެޗް 2 ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ތިނެއް ހައެއް، ހައެއް އެކެއް އަދި ހައެއް ހަތަރަކުންނެވެ.