ކުޅިވަރު

އައުބަމެޔާންގެ ހެޓްރިކާއެކު އާސެނަލްއިން ލީޑްސްގެ މައްޗަށް ކުރި ހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އައުބަމެޔާންގވަނީ ހެޓްރިކް ހަދާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހައިދިނީ އައުބަމެޔާންގއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް އައުބަމެޔާންގއެވެ. މިމެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޖަހައިދިނީ ހެކްޓަރ ބެލެރިންއެވެ. މިމެޗްގައި އައުބަމެޔާންގ ހެޓްރިކް ހަދާ އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 47 ވަނަ މިނެޓްގައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލީޑްސްގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިމެޗްގެ ދެވަނަ ހާފްގައި ލީޑްސްއިން އެޓީމްގެ ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ނުރައްކާ ކުރިއެވެ. އަދި މިގޮތުން މިމެޗްގައި ލީޑްސްއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހައިދިނީ ޕަސްކަލް ސްޓްރުއިކްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ ހެލްޑަރ ކޯސްޓަރއެވެ. މިއާއެކު ލީޑްސްއިން އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މެޗް ނިމިގެންދިޔައީ މިނަތީޖާއަށް އިތުރު ބަދަލެއް ނައިސްއެވެ.

މި ކާމިޔާބީއާކު އާސެނަލް މިހާރުވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ލީޑްސް ފަހަތަށް ޖައްސާލުމަށްފަހު 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލީޑްސް މިހާރު އޮތީ ކުޅުނު 23 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.