ދުނިޔެ

ކޮކާކޯލާއިން ކަރުދާސް ފުޅި ބޭނުންކުރުމަށް މަސައްކަތްކުރަނީ


ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ކަރުދާސް ފުޅި ބޭނުންކުރުމަށް އެ ކުންފުނިން މަސައްކަތް ފަށައިފިއެވެ.

ކޮކާކޯލާ ކުންފުނިންވަނީ އެ ކުންފުނީގެ އުފެއްދުންތައް ބަންދުކުރުމުގައި ޕަލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް އަމާޒު ހިފާފައެވެ. އެގޮތުން ވަރުގަދަ ކަރުދާސް ތޮށްޓެއް ބޭނުންކޮށްގެން ޑެންމާކުގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ކަރުދާސް ފުޅިއެއްގެ ޕްރޮޓޯޓައިޕް ޓެސްޓުކުރުމުގެ މަސައްކަތް ކޮކާކޯލާ ކުންފުނިންވަނީ ފަށައިފައެވެ. އެ ފުޅީގައި ކަރުދާސް ތޮށްޓެއް ހިމެނޭ ނަމަވެސް އެތެރޭގައި ހިމަ ޕްލާސްޓިކް ފަށަލައެއްވެސް ހިމެނެއެވެ. ނަމަވެސް ކޮކާކޯލާގެ ބޭނުމަކީ 100 ޕަސެންޓު ރިސައިކަލް ކުރެވޭ، ޕްލާސްޓިކް ނުހިމެނޭ، އަދި ކާބޮނޭޓުކޮށްފައިވާ ބުއިންތައް ބަންދުކުރެވޭ ފުޅިއެއް އުފެއްދުމެވެ.

ފުޅީގައި ހިމަނާފައިވާ ޕްލާސްޓިކް ފަށަލައިގެ ބޭނުމަކީ ފުޅީގައި ހިމެނޭ ފައިބަރުގެ އަސަރު އެއްވެސް ވަރަކަށް ފުޅީގައި ބަންދުކޮށްފައިވާ ބުއިމަށް ނުފޯރާނެކަން ޔަޤީންކުރުމެވެ. ފައިބަރުގެ އެއްވެސް މިންވަރެއް ބުއިމުގެ ތެރެއަށް ގޮސްފިނަމަ އެ ބުއިމުގެ ރަހައަށް ބަދަލު އައުމުގެ އިތުރުން ޞިއްޙީ ރައްކާތެރިކަމުގެ ޙުއްދަތައް ނުލިބުން އެކަށީގެންވެއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ ބްރޭކް ފްރީ ފްރޮމް ޕްލާސްޓިކުން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ޕްލާސްޓިކްގެ ސަބަބުން ކުރިމަތިވާ ތަޣައްޔަރުކަން އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ކޮކާކޯލާގެ އުފެއްދުންތަކުންކަމަށެވެ. ދެން އެއަށްފަހުގައި ފާހަގަކޮށްލެވެނީ ޕެޕްސީއާއި ނެސްލޭއެވެ. ކޮކާކޯލާއިންވަނީ 2030ވަނަ އަހަރުގެ ކުރިން އެއްވެސް ކުންޏެއް ނުއުފެދޭނެފަދަ ގޮތަކަށް ކޮކާކޯލާގެ މަސައްކަތްތައް ބަދަލުކުރުމަށް އަމާޒު ހިފާފައެވެ.

ކަރުދާހުން އުފައްދާ ފުޅި ހެދުމުގެ މަސައްކަތްކުރާ ޑެންމާކުގެ ކުންފުންޏަކީ ޕޭޕާ ބޮޓްލް ކޮމްޕަނީ ނުވަތަ ޕެބޮކޯއެވެ. އެ ކުންފުނިން ބުނި ގޮތުގައި ޕްލާސްޓިކް ބޭނުން ނުކޮށް ފުޅިއެއް ތައްޔާރުކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯލާފަދަ ފިޒީ ބުއިންތައް ބަންދުކުރުމުން އުފެދޭ ޕްރެޝަރު ފުޅީގެ ތެރޭގައި ހިފަހައްޓާލެވޭވަރުގެ ވަރުގަދަ ފުޅިއެއް އުފެއްދުންކަމަށެވެ. އަދި އެކި ބައްޓަންތަކަށް އެކި ސައިޒުތަކަށް ތައްޔާރުކުރެވޭ ފުޅިއެއް އުފެއްދުންކަމަށެވެ. އޭގެ އިތުރުން ލޭބަލް ޕްރިންޓުކުރެވޭ، ދެލި ރަނގަޅަށް ހިފާ އުފެއްދުމަކަށްވެސް އެ ފުޅި ވާންޖެހޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

ހަތް އަހަރުވަންދެން ފުޅިއެއް އުފެއްދުމުގެ މަސައްކަތް ލެބުގައި ކުރުމަށްފަހު ޕެބޮކޯއިން މިހާރުވަނީ ކޮކާކޯލާގެ ބުއިމެއްކަމަށްވާ އާޑެޒް އެ ކުންފުނިން ތައްޔާރުކުރި ކަރުދާސް ފުޅީގައި ބަންދުކޮށް، އެ ފުޅީގެ މަގުސަދު ހާޞިލްވޭތޯ ބެލުމަށް ތައްޔާރުވަމުންނެވެ. އެ ތަހުލީލުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަންގޭރީގައެވެ. އެގޮތުން ކަރުދާސް ފުޅީގައި ބަންދުކޮށްފައިވާ 2،000 އާޑެޒް ފުޅި އާންމުންނަށް ވިއްކުމަށްވަނީ ހަމަޖެހިފައެވެ. ކޮކާކޮލާ ކުންފުނީގެ އިތުރުން އެބްސޮލުޓް ކިޔާ ކުންފުނީގެ އުފެއްދުންތައް ބަންދުކުރުމަށް ޕެބޮކޯގެ ފުޅި ބޭނުންކޮށް އިނގިރޭސިވިލާތާއި ސްވީޑަންގައި ދިރާސާކުރުމަށްވެސްވަނީ ނިންމާފައެވެ.