މުޖުތަމަޢު ބާރުވެރިކުރުމަށް މަދަނީ ޖަމިއްޔާތަކުން ހިންގާ މަސައްކަތްތަކަށް ފައިސާގެ އެހީއަށް އެދުމުގެ މުއްދައްތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން "އެން.ޖީ.އޯ ގްރާންޓް ޕްރޮގްރާމް"ގެ ނަމުގައި، މިކަމަށް ޚާއްސަ ޕްރޮގްރާމެއް ފެށީ މިއަހަރުގެ ޖެނުއަރީމަހުގެ 13ވަނަ ދުވަހުއެވެ.
"އެން.ޖީ.އޯ ގްރާންޓް ޕްރޮޖެކްޓް"ގައި މާލީ އެހީތެރިކަމަށް އެދި ހުށައެޅެނީ "ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު"ގެ ދަށުން ހަދާފައިވާ ޤަވައިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްޢިއްޔާތަކަށެވެ. މިޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ކުރިން ހުޅުވާލީ މިހިނގާ ފެބްރުއަރީމަހުގެ ނިޔަލަށެވެ. ނަމަވެސް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ފޯމު ހުށައެޅުމުގައި ދަތިތަށް ދިމާވެދާނެތީ މިހާރު މިމުއްދަތުވަނީ އަންނަ މަރޗްމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ޔޫތް މިނިސްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާ، ރަށް/އަތޮޅު، ސިޓީގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާސިލުކުރުމަށް އެހިތެރިވެދޭ މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ.
މި ޕްރޮޖެކްޓް އިފްތިތާޙުކޮށް ފުރަތަމަ ފިޔަވަހީގައި މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ "ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް" އަދި "ސްމޯލް ޕްރޮޖެކްޓް ގްރާންޓް"ގެ ގޮތުގައެވެ. ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގައި 200000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދޭނެއެވެ. އަދި ސްމޯލް ގްރާންޓްގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
އެހީއަށް އެދި ޕްރޮޕޯސަލް ހުށައަޅާއިރު ފޯމާއެކު ޖަމިއްޔާގެ ރެޖިސްޓްރީ ކޮޕީހުށައަޅާންވާނެއެވެ. ފޯމު ހުށައެޅޭނީ އޮންލައިންކޮށެވެ. މި ޕްރޮޖެކްޓްގައި އެހީ ފޯރުކޮށްދިނުމުގައި އެންމެ އިސްކަމެއްދެނީ އެކަމުގެ ސަބަބުން މުޖުތަމަޢުއަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނި މަންފާއަ، ސަރުކާރުގެ ސިޔާސަތުތަކާ ހުރި ގުޅުމާ އަދި މުޅި މުޖުތަމަޢު މިކަމުގައި ޝަމިލުވާ މިންވަރުގެ މައްޗަށެވެ.
އެހީގެ އުސޫލުގައިވާގޮތުން ޖަމިއްޔާތަކަށް އެހީ ދެވޭ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްގެންދޭތޯ ބެލުމުގެ މަސައްކަތް ޔޫތް މިނިސްޓްރީއިން ކުރިއަށްގެންދާނެއެވެ.
މި އެހީއަކީ ޤައުމީ ތަރައްޤީގައި ޖަމިއްޔާ ޖަމާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ހިތްވަރުދީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށްދޭ އެހީއެކެވެ.