ވިޔަފާރި

ރިސޯޓުތަކުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި


ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ރިސޯޓްތަކުގައި ފަށައިފިއެވެ.

މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދެމުން އައިސްފައިވަނީ މާލެ ސަރަޙައްދުގައެވެ. އެހެން ނަމަވެސް މިހާރު މިވަނީ ރިސޯޓުތަކުގައި ވެކްސިން ދޭން ފަށާފައެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ ރިސޯޓްތަކުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ރިސޯޓުތަކުން 90 ސިއްޙީ ޚިދުމަތްތެރިންނަށް ތަމްރީން ދީފައިވާ ކަމަށެވެ. އެންމެ ފުރަތަމަ މި ޕްރޮގްރާމް ފަށާފައިވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގައެވެ.

ރައްޒާން ވިދާޅުވީ ރިސޯޓުތަކުގައި ވެކްސިން ޖެހުމަށް ބޭނުންވާ ވަސީލަތްތައް ރިސޯޓުތަކުގައި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

" އިންފްރާސްޓްރަކްޗަރ ގޮތުންވެސް އެބަޖެހޭ ވެކްސިން ޖަހާ ސެންޓަރު ވަކި ރިކުއަރމަންޓަކަށް އަންނަން، ވެކްސިނޭޝަން ސެންޓަރގައި ހުންނަން ޖެހޭ އާލާތްތަކާއި، ރަޖިސްޓްރޭޝަންގަ ތިބޭ ސަރަޙައްދަކާއި، ވެކްސިން ޖަހާނެ ތަނަކާއި، އޮބްޒާވްކުރަން މަޑުކުރާނެ ތަނަކާއި، ވެކްސިން ޖެހުމަށްފަހު ކަމެއް ދިމާވެއްޖެނަމަ ސިއްޙީ ފަރުވާ ދެވޭނެ ތަންތަންވެސް ހުންނަން ޖެހޭ، އެ ލެވަލްއަށް ތައްޔާރުުކުރެވުނީމަ ކޮންމެ ރިސޯޓެއްގައިވެސް ވެކްސިން ޖެހުން ކުރިއަށްދާނެ" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ ބައެއް ރިސޯޓުތަކުގައި މިފަދަ ސެޓްއަޕެއް ހެދުމަށް އުނދަގޫވެދާނެ ކަމަށާއި، އެފަދަ ރިސޯޓުތަކުގެ މުވައްޒަފުން ކައިރީގައި ހުންނަ ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ރިސޯޓްތަކަށް ގެންގޮސްގެން ވެކްސިން ޖަހާ ދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. ވެކްސިން ދިނުމުގައި އިސްކަން ދޭނެ ފަރާތްތަކެއް ހިމެނޭ ކަމަށްވެސް ރައްޒާން ވިދާޅުވިއެވެ.

" މިވަގުތަށް މިބަލާ މިންގަނޑަކީ ރިސޯޓުތަކުގައި ތިބި ސީދާ ގެސްޓުންނަށް ޚިދުމަތްދޭ މަޤާމްތަކުގައި ތިބި ފަރާތްތަކާއި، އަދި އުމުރުން 55 އަހަރަށްވުރެ ދޮށީ މީހުންނާއި، ދާއިމީކޮށް ބޭސް ކުރާ ފަރާތްތަކަށް،" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް ހާހެއްހާ މުވައްޒަފުންނަށް މިހާރު ވެކްސިން ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށްވުމާއި ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށްވާތީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މި ދާއިރާގެ މުވައްޒަފުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް 20000 ވެކްސިން ޑޯޒް ވަނީ ޚާއްސަކޮށްފައެވެ. ކޮންމެ މީހަކުވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރަންޖެހޭއިރު މިއީ 10000 މުވައްޒަފުންނަށް ބޭނުންކުރެވޭނެ ވެކްސިންއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 51000 މުވައްޒަފުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުންނެވެ. އަދި އުންމީދަކީ ވީއެންމެ އަވަހަށް ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.