ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަމަހު ދައުލަތަށް ލިބުނު އާމްދަނީ ދެގުނަ އިތުރު


ގްރީން ޓެކްސްގެ ގޮތުގައި މިދިޔަމަހު ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރުވެއްޖެއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 25 މިލިއަން ރުފިޔާއެވެ. އަދި ނިމުނު ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި 57 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ ޑިސެމްބަރުމަހާ އަޅާބަލާއިރު 129 އިންސައްތަ އިތުރު އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މަހުން މަހަށް ބަލާއިރު އިތުރުވަމުންދިޔަ ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އަދިވެސް ދަށްކަން ފާހަގަކުރެއެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި 85 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި މިއަހަރުގެ ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 32 އިންސައްތަ ދަށް އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެފައިވުމުންނެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދާއި ގްރީން ޓެކްސްއާއި ސީދާގޮތުން ވަނީ ގުޅިފައެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކްސް ނަގަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.