ކުޅިވަރު

ސްޕެޒިއާ އަތުން ބަލިވެ ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު މިލާނުން ނަގާލައިފި


އިޓާލިއާން ސެރީއާގައި އަލަށް ޕްރޮމޯޓްވި ސްޕެޒިއާ އާއި ބައްދަލުކުރިމެޗުން ބަލިވެ ޕޮއިންޓް ތާވަލްގައި ލީޑު ފުޅަކުރުމަށް ލިބުނު ފުރުސަތު އޭ.ސީ. މީލާނުން ނަގާލައިފިއެވެ. މިމެޗް ސްޕެޒިއާ ކާމިޔާބުކުރީ ހީކުރިގޮތާއި ހިލާފަށް 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުން ހަމަހަމަކުޅުމެއް ފެނިގެން ދިޔައިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެޒިއާއިންނެވެ. އަދި މިމެޗްގައި ސްޕެޒިއާގެ ގޯލަށް އަމާޒުކޮށް މިލާނަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހާދިނީ ސްޕެޒިއާގެ ޖިއުލިއޯ މަގިއޮރޭއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު ޖަހާދިނީ ސިމޯނޭ ބަސްޓޯނީއެވެ.

މި ކާމިޔާބީއާއެކު ސްޕެޒިއާވަނީ ތާވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިއީ އަމިއްލަ ދަނޑުގައި އެޓީމް މޮޅުވި ދެވަނަ މެޗެވެ. ސްޕެޒިއާއަށް 22 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން ޕޮއިންޓް ތާވަލްގައި ލީޑު ފުޅަކުރުމަށް ލިބިފައިވި ފުރުސަތު މިލާނުން މިވަނީ ނަގާލާފައެވެ. އަދި ދެވަނަގައިގާ އުޅޭ އިންޓަރ މިލާނާއި ލާޒިއޯ ބައްދަލުކުރާ މެޗުން އިންޓަރ މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނައަށް އިންޓަރ އަރާނެއެވެ. އަދި މިއަންނަ ހަފްތާ ބަންދުގައި އޭސީ މިލާނާއި އިންޓަރ މިލާން ބައްދަލުކުރާގޮތަށް ހަމަޖެހިފައިވުމުން އެމެޗްގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް މިހާރުވަނީ ބެލެވިފައެވެ. މިލާނަށް މިވަގުތު ލިބިފައިވަނީ 22 މެޗުން 49 ޕޮއިންޓެވެ.