އިޓާލިއާން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ނަޕޯލީ ބައްދަލުކުރިމެޗް ނަޕޯލީ ކާމިޔާބުކޮށްފިއެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސްއިންނެވެ. ނަމަވެސް އެޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. އަދި ޔޫވޭގެ އަލްވާރޯ މޮރާޓާ އާއި ފެޑެރީކޯ ކިއޭސާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާތަށް ނަޕޯލީގެ ކީޕަރ އެލެކްސް މެރެޓްވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގެ ހަމައެކަނި ލަނޑަކީ ޔޫވޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ނަޕޯލީއަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ކެޕްޓަން ލޮރެންޒޯ އިންސިގްނިއޭއެވެ. އަދި ސެރީއާގައި 400 ވަނަ މެޗް ކުޅެމުންދިޔަ ކިއެލީނީ އޮފްސައިޑްގައި ހުރުމުން މޮރާޓާ ޖެހި ލަނޑެއްވެސްވަނީ ގަބޫލްނުކޮށްފައެވެ.
މިކާމިޔާބީއާއެކު ނަޕޯލީވަނީ ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ނަޕޯލީގެ ކޯޗް ގެނާރޯ ގަޓޫސޯއަށް އޮތް ޕްރެޝަރުވެސް މިވަގުތަށް ކުޑަވެފައެވެ. އިޓަލީގެ މީޑިއާތަކުން ހާމަކުރާގޮތުގައި މިމެޗުން ބަލިވި ނަމަ ނަޕޯލީއިން ގަޓޫސޯ މަގާމުން ވަކިކުރުމަށް އޮތީ ނިންމާފައެވެ. ނަޕޯލީއަށް މިހާރުވަނީ 21 މެޗުން 40 ޕޮއިންޓް ލިބިފައެވެ. އަދި ޔޫވޭ އާއި ދެމެދުގައިވާ ފަރަގު ދެ ޕޮެއިންޓަށް ކުޑަކޮށްފައެވެ. ޔޫވޭއަށް ލިބިފައިވަނީ 21 މެޗުން 42 ޕޮއިންޓެވެ.