ކުޅިވަރު

ވިމެންސް ސުޕަރ ލީގުގައި ޔުނައިޓެޑް ބަލިކޮށް ތާވަލްގެ ދެވަނައަށް ސިޓީ


އިނގިރޭސީ ވިމެންސް ސުޕަރ ލީގުގައި މެންޗެސްޓަރ ސިޓީ ވިމެން އާއި މެންޗެސްޓަރ ޔުނައިޓެޑް ވިމެން ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް އެޓީމް ކުރިއަށް ޖެހިލައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރިވަރަށްވުރެ ފަސޭހަ ކަމާއެކު 3 ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައިދިނީ ސިޓީގެ ލޫސީ ބްރައުންޒްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ލައުރެން ހެމްޕް ކާމިޔާބުކުރިއިރު އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހައިދިނީ ކެރޮލިން ވެއަރއެވެ. މި މެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބުނު އިރު ޔުނައިޓެޑުންވެސްވަނީ ދޭތެރެ ދޭތެރެއިން ސިޓިގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރުވަނީ ޖެހިޖެހިގެން ހަތް މެޗުން މޮޅުވެފައެވެ. އަދި ޔުނައިޓެޑް ފަހަތަށް ޖައްސާލާ ތާވަލްގެ ދެވަނައަށް ވެސް ކުރިއަށް ޖެހިލާފައެވެ. ސިޓީ ވިމެންއަށްވަނީ 14 މެޗުން 33 ޕޮއިންޓް ލިބިފައެވެ. އަދި އެއްވަނައިގާ އުޅޭ ޗެލްސީ ވިމެން އާއި ދެ ޕޮއިންޓަށް ގާތްކޮށްފައެވެ. މިމެޗުން ބަލިވުމުން ޔުނައިޓެޑް މިވަނީ ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެފައެވެ. ޔުނައިޓެޑަށް ލިބިފައިވަނީ 15 މެޗުން 32 ޕޮއިންޓެވެ.