ކުޅިވަރު

ލިޕްޒިގާއި އައުގްސްބަރގް ބައްދަލުކުރިމެޗް ލިޕްޒިގް ކާމިޔާބުކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި އާރްބީ ލިޕްޒިގް އާއި އައުގްސްބަރގް ބައްދަލުކުރިމެޗް ލިޕްޒިގް ކާމިޔާބުކޮށްފިއެވެ. ލިޕްޒިގްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ލިޕްޒިގެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ލިޕްޒިގްގެ ޑަނީ އޮލްމޯއެވެ. އޮލްމޯ މި ޕެނަލްޓީ ކާމިޔާބުކުރީ ދެފަހަރަށް ޖަހައިގެންނެވެ. އޮލްމޯ ޖެހި ފުރަތަމަ ޕެނަލްޓީ އައުގްސްބާރގްގެ ކީޕަރ ރަފަލް ގިކިއެވިކްޒް މަތަކުރި ނަމަވެސްް އޭނާ ހުރީ ގޯލް ރޮނގަށްވުރެ ކުރިއަށް އަރާފައެވެ. މިމެޗްގައި ލިޕްޒިގް ގެ ދެވަނަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓޮފަރ އެންކުންކޫއެވެ. މި ލަނޑާއެކު މިމެޗް ލިޕްޒިގް ފަސޭހަ ކަމާއެކު މޮޅުވާނެކަމަށް ހީކުރެވުނު ނަމަވެސް ދެވަނަ ހާފްގައި އައުގްސްބަރގްވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށްފައެވެ. އަދި މެޗްގެ 77 ވަނަ މިނެޓްގައި ލިޕްޒިގްގެ އިބްރާހިމާ ކޮނާޓެ އެޓީމްގެ ޕެނަލްޓީ އޭރިއާ ތެރެއިން އައުގްސްބަރގްގެ މޭޑްސް ޕެޑަރސަންއަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓިީ އާއެކު އެޓިމަށް ހިތްވަރު ލިބިގެންދިޔައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ކަލިގިއުރީއެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އައުގްސްބަރގަށް ލިބިގެންދިޔައެވެ. ނަމަވެސް ލިޕްޒިގްގެ ކުޅުންތެރިންވަނީ އައުގްސްބަރގަށް މިމެޗް އެއްވަރު ކުރިއަނުދީ ހިފަހައްޓާލާފައެވެ.

މިކާމިޔާބީއާއެކު ލިޕްޒިގް މިހާރުވަނީ ޕޮއިންޓް ތާވަލްގެ ދެވަނައިގާ ރަނގަޅަށް ފައިހަރުކޮށްލާފައެވެ. އަދި އެއްވަނައިގާ އުޅޭ ބަޔޭން މިޔުނިކާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. ލިޕްޒިގަށް 21 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. ނަމަވެސް ބަޔޭން އަދި ނުކުޅެ އެއްމެޗް އޮތުމުން މިފަރަގު ބޮޑު ކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. މިމެޗުން ބަލިވި އައުގްސްބަރގް އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.