މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް ހަޔަކުން ދަށުގެ ކިޔެވުން ކުރިއަށް އޮތް ދެ ހަފްތާއަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި 14 ފެބުރުއަރީން ފެށިގެން 25 ފެބުރުއަރީއަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކުން ހަޔަކަށް ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.
ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖެއްސެވީ މާލެ ސަރަހައްދުގައި ކޯވިޑް-19 އިތުރުވަމުން ދާތީ އެޗްޕީއޭގެ އިރުޝާދުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީންވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން، މާލޭ ސަރަޙައްދުގެ ޕްރީ ސްކޫލުތަކާއި ނާސަރީ ކްލާސްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުކޮށްގެން ކިޔަވައިދިނުންވެސް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައް މިމަހުގެ 10 ވަނަ ދުވަހު ހުޅުވާ ކިޔަވައިދޭން ފެށީ ކުރިއެކޭވެސް އެއްގޮތަށް ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކުގައެވެ. އެގޮތުން ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ބެލުމާއި އަތް ސެނިޓައިޒްކުރުން ހިމެނެއެވެ. ކްލާސްތަކުގެ ތެރޭގައި ދަރިވަރުން އިށީނދެ ތިބޭ އެރޭންޖްމަންޓާއި ޓީޗަރުން ކިޔަވައިދިނުމުގައި ކްލާސް ތެރޭގައި އަމަލުކުރާ ގޮތްތައް ވެސް ހުރީ ގައިދުރުކަމަށް މަގުފަހިވާނެ ގޮތަށެވެ. ދަރިވަރުންނާއި މުދައްރިސުން ތިބެނީ މާސްކްވެސް އަޅައިގެންނެވެ. ސްކޫލްތަކުގައި ވަނީ އަތްދޮވެވޭނެ އިންތިޒާމްތަކާއި ސެނިޓައިޒަރވެސް ބަހައްޓާފައެވެ. ނަމަވެސް ސްކޫލްތައް އަލުން ހުޅުވުމާއެކު މާލެ ސަރަޙައްދުގައި ހުރި ބައެއް ސްކޫލްތަކުގައި ކިޔަވައިދެމުންދާ މުދައްރިސުންނާއި ދަރިވަރުންތަކެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ކޯވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ދަށުގެ ގްރޭޑުތަކަށް ކިޔަވައިދީފައި ނުވެއެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ގްރޭޑް 1 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. މިދިޔަ އަހަރު ސްކޫލްތަކަށް ގޮސްގެން ކިޔަވާދިނުން މެދުކަނޑާލާފައިވީ ދުވަސްތަކުގައިވެސް ދަރިވަރުންނަށް އޮންލައިންކޮށްނާއި ޓެލެކިލާސް މެދުވެރިކޮށްވަނީ ކިޔަވާދިނުން ކުރިއަށް ގެންގޮސްފައެވެ.