މިއީ ކޯވިޑް ބަލީގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅު ކަމަށް ހެލްތު އިމަރޖެންސ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ކޯވިޑް ބަލީގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅުކަމަށް ޔަޤީންކަމާއެކު ބުނަން ކެރޭނެ ކަމަށެވެ. އަދި ކޯވިޑް ބަލީގައި ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާދޭން މިހާރު ހުރީ މަދު އެދުތަކެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އޮތް މިންވަރު ނަޒްލާ ފާހަގަކުރައްވާފައިވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ އިތުރުވެފައެވެ. ރާއްޖޭގައި މިހާތަނަށް 17 ހާހަށްވުރެ ގިނަ މީހުންނަށް ކޯވިޑްޖެހި މީގެ ތެރެއިން 211 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
ޤައުމު މިއޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވިދާޅުވެ، މިބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ އެއްބާރުލުމަށް ޑރ.ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. އަދި މިކަމުގައި މިހާރު ނުކުރެވުނު ކަމެއް ފަހުން ނުކުރެވޭނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމަކީ މިބަލީގައި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތެއްކަން ސިއްހީ ތަޖްރިބާކާރުންވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ކޯވިޑް19ގެ އެންމެ ގިނަ ކޭސްތަކެއް ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. ބަލީގައި އެޑްމިޓްކުރަން ޖެހުނު މީހުންގެ އަދަދު ގިނަވެ، މުޅި ސިއްޙީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އޭރުވެސް ސިއްޙީ މާހިރުން ފާހަގަކުރިއެވެ. އަދި އަނެއްކާވެސް ކޭސްތަކުގެ އަދަދު މިވަނީ އޭރު ހުރި މިންވަރަށް އިތުރުވާންފަށާފައެވެ.
ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަކީ ފަސޭހަ ފިޔަވަޅުތަކެއްކަމަށާއި މިބަލިން ރައްކާތެރިވުމަށް މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް މަތީގައި ދެމިތިބުމަށް ޑރ.ނަޒްލާވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި، މާސްކް އަޅައިގެން އުޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގިނަވަގުތު ގޭގައި ހޭދަކުރުމުން މިބަލިން ރައްކާތެރި ވެގެންދާކަންވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.