ޚަބަރު

ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގެ ތެރެއިން ހަމަހަމަ ފުރުސަތު ލިބޭ - އާދަމް ޝަރީފް


ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށްޓަކައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްވެސް ހުރަހެއްނެތި ހަމަހަމަ ކަމާއިއެކު ފުރުސަތު ލިބިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕީއެންސީގެ ނާއިބް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މަޖިލީހުން ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތައްވެސް މަޖިލީހުގެ ތެރެއިން ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ.

ޕީއެސްއެމްއިން މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ގެނެސްދޭ ބާބު 3 ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރެވެމުންދާކަމަށެވެ. މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތަށް އެއްވެސް ހުރަހެއްނެތި ޖާގަ ލިބޭކަމަށާއި، އެފުރުސަތުވެސް ތަނަވަސް ވާކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަންކަން ނުވެގެން ނުވަތަ ނުކުރެވިގެންދާ ހާލަތުގައި މަޖިލީހަށް ކުއްލި މައްސަލައާއި ގަރާރު ހުށަހަޅައިގެންވެސް ޒިންމާދާރު ކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ސަރުކާރުން އެކަންކަން އެހާ ސީރިއަސްކޮށް ނުނަގާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރު ޒިންމާދާރު ކުރުމާއި ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ހަމަހަމަ މަސައްކަތް އެބަކުރެވޭ. އެކަން އަޅުގަނޑުވެސް ޤަބޫލު ކުރަން. އަދި ހަމަ އެހެންމެ އަޅުގަނޑުމެން ގަބޫލުކުރަން އެމްޑީޕީއެއްކަމަކު އޮޕޮޒިޝަންގައި އަޅުގަނޑުމެން މި މަސައްކަތް ކުރާގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުން އެބަތިއްބެވި. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ސަރުކާރު ޒިންމާދާރު ކުރުމާއި ޖަވާބުދާރީ ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެވޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށް މަޖިލިސް ތެރެއިން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިހާރު އޮތް މަޖިލީހަށް ވުރެ ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރި މަޖިލީހެއް ނެތްކަމަށެވެ. މިމަޖިލީހަކީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކަށް ވީނަމަވެސް ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް ނިމިގެންދިޔަ މަޖިލީހައަށް އެކަނި ބަލައިލުމުންވެސް އޭރުގެ ސަރުކާރުން މަޖިލީހަށް ކުރިމަތި ކުރުވި ނުފޫޒާއި ބާރުވެރިކަމުގެ ސަބަބުން މަޖިލީހު ތެރޭގައި މެމްބަރުންނަށްވުރެ ގިނައިން ތިއްބެވީ ސިފައިންކަަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަނީ ސަރުކާރު ޒިންމާދާރުކޮށް މަސައްކަތް ކުރުމާއިއެކު ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ފަހިކޮށް ދެއްވުމަށްކަމަށެވެ. މިކަމުގައި ދިމާވާ ގޮންޖެހުންތަކާއިއެކުވެސް މަޖިލީހުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީއަކީ ޒިންމާދާރުކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަރުކާރަށްވެސް ލިބުނު އެންމެބޮޑު ބާރު ކަމުގައި އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.