ޚަބަރު

ކޯވިޑުގެ ޙާލަތު ގޯސްވެ ފުވައްމުލަކު ސިޓީގައި ފިޔަވަޅުތައް ވަރުގަދަކޮށްފި


ކޯވިޑް-19ގެ ޙާލަތު ފުވައްމުލައް ސިޓީގައި ގޯސްވަމުން ދިޔުމާގުޅިގެން އެސިޓީގައި ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. އެޗްޕީއޭއިން އަންގާފައިވާ އެންގުމުގައިވަނީ 7 ދުވަހުގެ މުއްދަތަށް ފުވައްމުލައް ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކޮށްފައިވާކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައިވަނީ ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ފުވައްމުލަކު ސިޓީގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައެވެ. އަދި އެސިޓީގައި ރޭގަނޑު 8 ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށް ނުކުތުމާއި ޢާއްމު ތަންތަނަށް އެއްވުންވެސްވަނީ މަނާކޮށްފައެވެ. އަދި އެސިޓީގެ ޒަރޫރީ ބޭނުމެއްނެތި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުންވެސްވަނީ މަނާކޮށްފައެވެ. އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައިވަނީ އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗަށް ނުކުތުމާއި ޢާއްމުތަންނުގައި އެއްވެ އުޅުންވެސް މަނާކޮށްފައެވެ.

އެޗްޕީއޭއިންވަނީ އެސިޓީގައި ހިންގާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކޮށް ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލަންވަނީ އަންގާފައެވެ. މީގެއިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި ޓެކްސީގެ ޚިދުމަތް އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ދިނުމަށްވަނީ އަންގާފައެވެ. ފުވައްމުލަކުގައި ހިންގާ ފިހާރަތަކާއި ބޭންކު ފަދަ ޢާއްމު ޚިދުމަތްތައް ދިނުމުގައިވެސް އެކަންކަމަށް އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގަވާއިދުތަކަށް ޢަމަލުކުރުމަށްވަނީ އަންގާފައެވެ.

އެޗްޕީއޭއިންވަނީ ކުރިއަށް އޮތް 7 ދުވަހަށް އެސިޓީގެ ކޮލެޖް ޔުނިވަރސިޓީތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށް ނުގެންދިޔުމަށް އަންގާފައެވެ. އަދި އެސިޓީގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެފޭ ހޮޓާ ރެސްޓޯރެންޓުތަކުންދޭ ޚިދުމަތް ހުއްޓާލުމަށްވެސްވަނީ އަންގާފައެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ކޭސްތައް ދެކުނުގެ ބޮޑު ދެ ސިޓީގައި ފެންނަމުން އަންނަ ނިސްބަތް އިތުރުވެފައިވާއިރު ބުރާސްފަތިދުވަހުގެ ނިޔަލަށް ފުވައްމުލަކު ސިޓީންވަނީ 13 މީހަކު ޕޮޒިޓިވްވެފައެވެ. ކޭސްތަކާއި ގުޅިގެން އައްޑޫ ސިޓީގައިވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.