ވިޔަފާރި

މަސްވެރިން އެދުނީ ބޯޓަކަށް، ތަރައްޤީކުރަނީ މަސްކިރާނެ ބޮޑު ޕޯޓެއް


މެދުރާއްޖެތެރޭގައި މަސްކިރުވުމުގައި ދަތިތައް ހުރުމުން އެ ސަރަހައްދުގެ މަސްވެރިން ބަރޯސާވަމުން އައީ މ. އަތޮޅަށް މިފްކޯއިން ފޮނުވަމުން އަންނަ މަސްކިރާ ބޯޓަށެވެ. އެހެންނަމަވެސް ބައެއް ދަތިތަކާއި ހުރެ މި ބޯޓް ނާންނަތާ ގިނަދުވަސްތަކެއް ވުމުން އެ ސަރަހައްދުގެ މަސްވެރިންނަށް ޖެހެނީ މަސްކޮޅު މަސް ހިއްކާ މީހުންނަށް ނުއަގުގައި ވިއްކާލާށެވެ. މިއާއި އެކު މަސްވެރިންގެ އާމްދަނީ ދަށްވެ އެކިވަރިގެ ގެއްލުންތަކާއި މަސްވެރިންނާއި އޮޑިވެރިން ކުރިމަތިލާންޖެހެއެވެ. މި ސަބަބާއި ހުރެ މެދުރާއްޖެތެރޭގެ މަސްވެރިންގެ އެދެމުން އައި މުލަކު ބަނދަރުގައި މަސްކިރުވާ ބޯޓެއް ދާއިމަށް ބާއްވާދިނުމަށެވެ. މި ޝަކުވާ މަސްވެރިންވަނީ އެމީހުންގެ ކަންކަން ބަލަހައްޓާދޭ މިނިސްޓްރީ އަށް އަޑުއިވޭވަރަށް ނިކަން ބާރަށްވެސް ބުނެފައެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތުކަން ހާމަވި އެއް ކަމަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި މަސްވެރިންނާއި މުހާތަބުކުރައްވާ ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވި ހިތްގައިމު ބަސްފުޅެވެ. ކޯވިޑްގެ ސަބަބުން މުޅި އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަންކަން ފާހަގަކުރައްވަމުން ރައީސް ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ހަބަރު މަސްވެރިންނަށް ދެއްވާފައެވެ.

އެ ވާހަކަފުޅުތަކާއި އެކު މެދު ރާއްޖެތޭރެގަ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިވަނީ ފައްޓާފައެވެ. އެހިސާބު މަސްވެރިން އަތޮޅު ބޭރަށް ނުކުމެ އެންދަމާ ބާނާ މަސްކޮޅު ކިރުވަން 5 ފީފާ ތެޔޮ އަންދާ އެތައް މޭލު ދުރަށް ކުރަންޖެހޭ ދަތުރަށް ނިމުން އައުމުގެ މަސައްކަތް މި ވަނީ ފެށިފައެވެ.

އެގޮތުން މ. މުލަކުގައި މިފްކޯއިން ތަރައްޤީކުރާ ޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާއި ހަވާލުކޮށް އެ މަސައްކަތް ފެށުމަށް މިވަނީ އެއްބަސްވެފައެވެ. ބިޔަ މި މަޝްރޫއުގެ ދަށުން 22،400 ކިއުބިކް މީޓަރުގެ ސަރަހަދެއްގެ ބިން ހިއްކާނެއެވެ. އަދި 8،640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށްޓެއް ލާނެއެވެ.

މީގެއިތުރުން 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ. ޖުމްލަ 56.13 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫޢުގެ މަސައްކަތް 300 ދުވަސްތެރޭ ނިންމަންވެސް ޖެހެއެވެ. މި މަޝްރޫއު ނިމުމާއިއެކު މުލަކުގެ ޕޯޓަށް ބޮޑެތި ބޯޓުތަކަށް ކައިރިކުރެވޭނެއެވެ. އެއާއެކު މަސްވެރިންގެ ޝަކުވާތަކަށް އެެތައް ހައްލެއް ލިބިގެންދާނެއެވެ. މި މަޝްރޫއާއި އެކު މުލަކުގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ ޤާއިމުވެގެންދާނެއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މިފްކޯގެ ސިއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މުލަކުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖަކީ ދުވާލަކަށް 100 ޓަނު ގަނެވޭ ފެސިލިޓީއެއް ކަމަށެވެ. އަދި މުލަކުގެ ބަނދަރު މަސައްކަތް ކުރިއަށްދާއިރު، ކޯލްޑް ސްޓޯރޭޖްގެ މަސައްކަތާއި މަސް ފްރީޒް ކުރަން ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްކުރިއަށްދާނެކަންވެސް ފައުޒީ ފާހަގަކުރެއްވިއެވެ. އަދި ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ފަށާތާ 15 މަސް ދުވަސްތެރޭ މަސައްކަތް ނިންމާލެވޭނެކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

ކޮންމެއަކަސް މ. މުލަކު ބަނދަރަކީ މެދު ރާއްޖެތެރޭގައި މަސްވެރިކަންކުރާ ހުރިހާ މަސްވެރިންނަށް ވަރަށް މުހިއްމު ބަދަރެކަށްވެގެންދާނެއެވެ.

މުލަކުގެ އިތުރުން ސަރުކާރުންދަނީ ދެކުނުގައިވެސް މަސް ގަނެ ރައްކާކުރެވޭނެ އިތުރު އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ގދ. ތިނަދޫގައި މަސް ގަންނަ ސެންޓަރެއް އެޅުމުގެ މަސައްކަތް މިފްކޯއިން މިހާރުވަނީ ފަށާފައެވެ.

ތިނަދޫގައި މަސް ގަންނަ ސެންޓަރު އެޅުމަށް ބޭނުންވާ ބިން މިފްކޯ އާއި މިހާރު ހަވާލުކޮށްފައިވާކަމަށާއި އެރަށުގައި އަޅާ ސެންޓަރުގައި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނާކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި އެތަނުން 100 މެޓްރިކް ޓަނުގެ މަސް އެއް ފަހަރާ ޕްރޮސެސް ކުރެވޭނެކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

" މިހާރުވެސް ތިނަދޫގައި ހުންނާނެ އައިސްޕްލާންޓެއް، އެ ބައުންޑްރޭ ތެރޭ ކޯލްޑް ސްޓޯރާއި، މަސްގަންނަ ފެސިލިޓީ މި ތަރައްޤީކުރަނީ، އުއްމީދު ކުރަނީ މިތަން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް އޭޕްރީލް ހިސާބު ފެށިގެންދާނެ ކަމަށް" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯގެ މަސް ކާރުޙާނާތައް މިހާރުވެސް ހިންގަމުން އަންނަ ދެ ރަށަކީ ކޫއްޑޫ އާއި ފެލިވަރެވެ. މި ދެ ރަށުގައިވެސް ގިނަ މަޝްރޫޢޫތަކެއް ހިންގުމަށްވަނީ ރާވާފައެވެ. އެގޮތުން ފެލިވަރުގައި މަސްވެރިކަމުގެ އިތުރު ފެސިލިޓީތަށް ޤާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިހާރުވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތައް ނިމިގެންދާއިރު، މަސްވެރިންނަށް މަސް ކިރުވުމުގައި މިހާރު ދިމާވަމުން އަންނަ އެތައް ދަތިތަކަށް ލުއި ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ހަމައެކަނި މަސްކިރުވާނެ ތަންތަން ހަދާ ފެސިލީޓިޒްތައް ޤާއުމުކުރުން އެކަންޏެއްވެސް ނޫނެވެ. މަސް ގަންނަ ކުންފުނިތަކަށް ދީފައި ޮއތް އެކްސްކްލޫސިވިޓީ އުވާލާ އެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތުވެސް ސަރުކާރުންވަނީ ހުޅުވާލަދީފައެވެ. އަދި މަސްވެރިކަމުގެ ބޭނުންތަކަށް ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން ނަގަމުން އައި ޑިއުޓީވެސް މިިދިޔަ އަހަރު ސަރުކާރުން ވަނީ ކަނޑާލާފައެވެ.

ރާއްޖޭގެ އިޤްތިސާދުގައި މަސްވެރިކަމުގެ ސިނާއަތް މުޙިއްމު ދައުރެއް އަދާ ކުރި ނަމަވެސް އެ ސިނާއަތް ކުރިއެރެވުމަށް އެދެވޭ މަސައްކަތްތަކެއް މީގެކުރިން ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މަސްވެރިކަން ކުރިއެރުވުމަށް އެންމެ ގިނަ މަޝްރޫޢުތައް ރަވާ އެކަން ތަންފީޒުކުރަން ސަރުކާރުން ފަށާފައިވުމީ މަސްވެރިންނަށް ދޭ އަހައްމިއްޔަތާއި މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދޭ ސަމާލުކަން އެނގިގެންދާ އެއް ހެއްކެވެ.