ކޯޕަރޭޓް ކޮމިއުނިކޭޝަން ޕެކޭޖް، (އެމް.ވީ.ޕީ.އެން) ޚިދުމަތް ދިނުމުގެ އެގްރިމެންޓެއްގައި އުރީދޫ މޯލްޑިވްސް އިން އެސްޓީއޯ އާއެކު ސޮއިކޮށްފިއެވެ.އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްވީޕީއެން ޚިދުމަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، އުރީދޫގެ ފަރާތުން ސީއީއޯ ވިކްރަމް ސިންހަ އަދި އެސްޓީއޯ ފަރާތުން މެނޭޖިންގް ޑައިރެކްޓަރ އަހުމަދު ޝަހީރެވެ.މިއީ، އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ޚިދުމަތް މެދުވެރިކޮށް އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ފޮނުވޭ އެއްބަސްވުމެކެވެ. މި އެއްބަސް ވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އުރީދޫގެ ސީ.އީ.އޯ ވިކްރަމަ ސިންހަ ވިދާޅުވީ، އުރީދޫގެ އެމް.ވ.ީޕީ.އެން ޚިދުމަތް މެދުވެރިކޮށް ހަތަރު އަދަދުގެ ކުރު ނަންބަރު މެދުވެރިކޮށް އެސް.ޓީ.އޯގެ މުއައްޒަފުންގެ ތެރޭގައި ހިލޭ ކޯލް ކުރެވޭނެކަމަށެވެ. މީގެ އިތުރުން މީޚިދުމަތް ލިބިގެންދާއިރު، އެންމެ ރަގަޅު އަގުގައި އެހެނިހެން ބޭފުޅުންނަށް ކޯލްކުރެވި ޑޭޓާގެ ޚިދުމަތް ބޭނުންކުރެވޭނެކަމަށެވެ. އަދި އެސް.ޓީ.އޯ އަށް މިކަމުގައި އެހީތެރިވެދެއްވުމަކީ އެއީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމުގައި ވިކްރަމަ ސިންހަ ވިދާޅުވިއެވެ.އެސްޓީއޯ މެނޭޖިންގް ޑައިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ، އުރީދޫ އަކީ އެކުންފުނިން ކުރިއަށްގެންދާ ގިނަ ޕްރޮޖެކްޓްތަކުގައި އެހިތެރިވެދެއްވާ ފަރާތެއްކަމަށާއި، އެމް.ވީ.ޕީ.އެން ޚިދުމަތް ފެށިގެން ދިއުމާއެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެކުންފުނީގެ މުވައްޒަފުން ނަށް އެކިއެކި ކަންކަމުގައި މުއާމަލާތުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އުރީދޫ އާއި އެސްޓީއޯ އާއި ދެމެދުވާ އެއްބަސްވުމެއްގެ ދަށުން، މިހާރުވެސް އުރީދޫ އިން ދަނީ އެކުންފުނީގެ އިންޓަނެޓް ކަނެކްޝަން މެދުވެރިކޮށް އެސްޓީއޯގެ ހުރިހާ ފާމަސީތައް އާސަންދަ ސިސްޓަމާއި އެސްޓީއޯގެ ހެޑް އޮފީހާއި ގުޅުވާލަދީ، ރަށްރަށުން މައުލޫމާތު ބަދަލުކުރުމާއި ސިސްޓަމް އަޕްޑޭޓްސް އަދި އާސަންދަ ފަދަ ޚިދުމަތްތައް ހުރިހާ ރަށްތަކަށްވެސް ފޯރުކޮށްދެމުނެވެ. މި ޚިދުމަތް އުރިދޫގެ މުވައްޒަފުންގެ އިތުރުން، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، އެމް.ސީ.އެސް، ޕީޖީ އޮފީސް، މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ލޯގެ އިތުރުން މަޝްހޫރު އެތައް ކުންފުނިތަކާއި ރިސޯޓްތަކުން ބޭނުންކުރަމުންދެއެވެ. އަދި މިޕެކޭޖު މެދުވެރިކޮށް އެއްއޮފީހެއްގައި މަސައްކަތްކުރާ މުއައްޒަފުންގެ މެދުގައި ހިލޭ ކޯލު އަދި އެސްއެމްއެސް، ހަތަރު އަދަދުގެ ކުރު ނަންބަރު މެދުވެރިކޮށް ކުރެވުމަކީ މުއާސަލާތީ ޚިދުމަތުގެ ޚަރަދު ކުޑަވެ އިތުރު ފަސޭހައެއް ލިބިދޭ ޚިދުމަތެއްކަމަށް އުރީދޫން މައުލޫމާތުދެއެވެ.