ޚަބަރު

ޢަލީ ވަޙީދުގެ މައްސަލާގައި ކޯޓުން ޢަމަލުކޮށްފައިވަނީ ރަނގަޅަކަށް ނޫން - ޕީޖީ


ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމުގެ އަމުރު ކޯޓުން ނެރެފައިވަނީ ޢާންމުކޮށް މިބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހެން ވިދާޅުވެފައިވަނީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތުގައި ދައުލަތުން ދަޢުވާ އުފުލާފައިވާ ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ދޫކޮށްފައިވަނީ، ދައުލަތުން އެދިގެން ކަމަށްބުނެ، ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ޢަލީ ވަޙީދުގެ މައްސަލާގައި އާންމުވެފައިވާ ކޯޓު އަމުރުގައި، ޕީޖީ އޮފީހުން އެދިގެން ނެރެފައިވާ އަމުރެއްކަމަށް އޮތީ ކޯޓުގެ "އިދާރީ އޮޅުމެއް"ގެ ސަބަބުންކަމަށް ކޯޓުން މައުލޫމާތު ދެއްވާފައިވާކަމަށެވެ. އަދި މިއަމުރަކީ އެއޮފީހުން އެދިގެން ނެރެފައިވާ އަމުރެއް ނޫންކަމަށްވެސް ޕީޖީން ވިދާޅުވެއެވެ. ޕީޖީ އޮފީހުންވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ފުރައިގެން ދިއުމުގެ ހުއްދަދީ ކޯޓުން ޕާސްޕޯޓު ދޫކޮށްފައިވަނީ، މިބާވަތުގެ އަމުރުތައް ނެރުއްވުމުގައި އަމަލުކުރާ އުސޫލާ ޚިލާފަށް ކަމަށްވާތީ މިމައްސަލަ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށެވެ. އަދި އެއަމުރު ކޯޓުން ނެރުއްވާފައިވަނީ ރަނގަޅަށް ކަމަށް އެއޮފީހުން ނުދެކޭކަމަށާ، އެމައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަޙީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެއްވެސް މީހަކު ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށްވެސް ދައުލަތުން ޝަރީއަތުގައި ދެކޮޅު ހަދާފައިވާކަމަށެވެ. އަދި، ކޮންމެހެން ފުރަންޖެހޭ ހާލަތުގައިވެސް، ޖާމިނުކޮށް ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރަވެލް ޑޮކިއުމަންޓެއް ދޫކުރުމަށް ދަންނަވާފައިވާނެކަމަށް ވެސް މިބަޔާނުގައި ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގައި ޖާމިނުވެފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްޢަދު އަލީއެވެ. އަލީ ވަހީދު އަބުރައި ނައިސްފިނަމަ އޭނާއަށް ފިޔަވަޅު އެޅޭގޮތަށް ކޯޓުންވަނީ ޢަމުރުކޮށްފައެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އެ އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ. އެގޮތަށް ވިދާޅުވެފައިވަނީ ޑރ.ޔޫސުފް ޝާންއެވެ.

ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި މީހަކު ޖާމިނުވެއްޖެ ނަމަ އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެއް ކަމަށެވެ. ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ޚިލާފުވި ޚިލާފުވުމުގެ ކުޑަބޮޑުމިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެގޮތުން ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލެވިދާނެއެވެ. ނުވަތަ ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވިދާނެއެވެ. އަދި 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވަށްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އެ މިނިސްޓްރީގެ މުވައްޒަފުން ގެދިއުމުން، މަޤާމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ދެންނެވިއެވެ. ނަމަވެސް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ވަނީ މަޤާމުން ދުރުކުރައްވާފައެވެ. އަދި އެ މައްސަލާގައި އެނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.