ޚަބަރު

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވިދާޅުވީ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވީ ޙާލަތުގައި އައިޑީކާޑު ހެއްދުމުގެ ކަންކަމުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކާ، މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ. އެގޮތުން މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ މުއްދަތު އިތުރުކުރިނަމަވެސް މިހާރުވެސް ކުރިއަށްގެންދާގޮތަށް އެއިދާރާގެ ވެބްސައިޓު މެދުވެރިކޮށް ކާޑު ހެއްދުމަށް ފޯމު ހުށައެޅޭނެކަމަށް އެޑިޕާޓްމަންޓުން ވިދާޅުވެއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވިދާޅުވީ މިގޮތަށް ނިންމީ މިހާރު މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވެފައިވާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރަނގަޅުކަމެއްކަމުގައި ނުފެންނާތީކަމަށެވެ. އަދި އައިޑީކާޑު މުއްދަތު ހަމަވުމާ ގުޅިގެން ޚިދުމަތް ހޯދުމުގައި ގިނަ ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެޑިޕާޓްމަންޓުން ވިދާޅުވެއެވެ.

އައިޑީކާޑުގެ މުއްދަތު ހަމަވީނަމަވެސް ބޭނުންކުރެވޭ ގޮތަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގައެވެ. ފުރަތަމަ ފަހަރަށް ނިންމީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް އެގޮތަށް ޢަމަލުކުރުމަށްނަމަވެސް ފަހުންވަނީ އަހަރުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭ ގޮތަށް ހަމަޖައްސަވާފައެވެ.