ކުޅިވަރު

އިނގިރޭސި އެފްއޭކަޕްގެ ގަދަ އަށަކަށް ލެސްޓާ ސިޓީ


އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ އަށަކުން ލެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ގަދަ އަށަކުން ލެސްޓާ ޖާގަ ހޯދީ ބްރައިޓަންއާ ވާދަކޮށް 1-0 ލަނޑުން މޮޅުވެގެންނެވެ.

ލެސްޓާ ކުއާޓާފައިނަލަށް ދިޔަ ލަނޑު އެޓީމަށް މެޗުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ކެލެޗީ އިލެނާޗޯއެވެ. މިއީ އެނާ ލެސްޓާއަށް ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑެވެ. މިއީ ވޭތުވެދިޔަ 52 އަހަރު ތެރޭގައި އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާފައިނަލުން ލެސްޓާ ސިޓީ ވިދިވިދިންގެން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެންމެފަހުން ލެސްޓާ ބްރައިޓަންއާ ދެކޮޅަށް ކުޅުނު 8 މެޗުވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ރޭ ޕްރިމިއަރ ލީގުގައި ވާދަކުރި ޝެފީލްޑް ޔުނައިޓެޑާއި އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރި ބްރިސްޓަލް ސިޓީ މައްޗަށް ކުރި ހޯދާ ޝެފީލްޑް ވެސް ވަނީ މުބާރާތުގެ ގަދައަށަކުން ޖާގަ ހޯދާފައެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ ޝެފީލްޑަށް ލިބުނު ޕެނެލްޓީއަކުން ބިލީ ޝާޕް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ޕެނެލްޓީ ލިބުނީ އޭރިޔާ ތެރެއިން އަލްފެއީ މޭސަން ކުރި ފައުލާކާ ގުޅިގެންނެވެ. އޭނާ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ 2003 ވަނަ އަހަރު ފަހުން ޝެފީލް މުބާރާތުގެ ގަދައަށަކުން ވިދިވިގެން ޖާގަހޯދި ފުރަތަމަ ފަހަރެވެ. އެޓީމުން ވަނީ މިދިޔަ ސީޒަންގައި ޕްރިމިއާ ލީގަށް ކޮލިފައިވެ ލީގުގައި ވާދަކުރަން ފެށިފަހުން ފުރަތަމަ ފަހަރަށް މިދިޔަ އެފްއޭ ކަޕުގެ ގަދައަށަކުން ޖާގަހޯދާފައެވެ.