ކުޅިވަރު

އިނގިރޭސި އެފް އޭ ކަޕްގެ ކްއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފި


އިނގިރޭސި އެފް. އޭ. ކަޕްގެ ކްއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދީ ފަސްވަނަ ބުރުގައި ސްވަންސީ ސިޓީއާއި ބައްދަލުކޮށް 3 ލަނޑު އެއް ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މެންޗެސްޓަރ ސިޓީއެވެ. 2019 ވަނައަހަރުގެ މުބާރާތުގެ ކްއާޓަރ ފައިނަލްގައި މިދެޓީމް ބައްދަލުކުރިމެޗްގައި ސްވަންސީއިން ދެއްކި ކުޅުމުގެ ސަބަބުން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވަނީ މިމެޗަށް ނިކުތުމުގެ ކުރިންވެސް މެޗް ފަސޭހަ ކޮށް ނުލާ ސަމާލުވުމަށް އޭނާގެ ކުޅުންތެރިންގެ ކިބައިންވަނީ އެދިފައެވެ. އެފަހަރުގެ މެޗުން މެންޗެސްޓަރ ސިޓީ މޮޅުވީ ސަރޖިއޯ އަގުއެރޯ ޖެހި އޮފްސައިޑް ލަނޑަކުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހައިދިނީ މެންޗެސްޓަރ ސިޓީގެ ކައިލް ވޯކަރއެވެ. މިލަނޑަކީ ވޯކަރ ގޯލް ކުރިމައްޗަށް ނަގައިދިން ހުރަހެއް އެއްވެސް ކުޅުންތެރިއެއްގެ ފައިގައި ނުޖެހި ގޮސް ގޯލަށް ވަނުމުން ކާމިޔާބު ކުރެވުނު ލަނޑެކެވެ. އަދި މެންޗެސްޓަރ ސިޓީއިން އެޓީމްގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ 2 ވަނަ މިނެޓްގައި ޖަހައިދިނީ ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަހީމް ސްޓަރލިންގއެވެ. މިލަނޑު ޖެހިތާ ތިން މިނެޓްފަހުން މެންޗެސްޓަރ ސިޓީއިންވަނީ އެޓީމްގެ ތިންވަނަ ލަނޑު ޖަހާ މެޗްގައި އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. އަދި ގާޑިއޯލާވަނީ މިހާހިސާބުން ބެންޗުގައި ތިބި އެޓީމްގެ ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދީފައެވެ. މިމެޗްގައި ސްވަންސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ ޑަރބީ ކައުންޓީއިން މިނިމުނު ޖެނުއަރީމަހުގެ ތެރޭގައި ސްވަންސީއާ ގުޅުނު ޒުވާން ކުޅުންތެރިޔާ މޯގަން ވިޓޭކަރއެވެ.

މިކާމިޔާބީއާއެކު މެންޗެސްޓަރ ސިޓީ މިވަނީ އިނގިރޭސި ފުޓްބޯޅައިގެ އާ ރިކޯޑެއްވެސް ގާއިމްކޮށްފައެވެ. މިގޮތުން އެޓީމްވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރިކޯޑް މިކާމިޔާބީއާއެކު ހޯދާފައެވެ. މިއީ މެންޗެސްޓަރ ސިޓީ ޖެހިޖެހިގެން މޮޅުވި 15 ވަނަ މެޗެވެ. މި ރިކޯޑް ކުރިން ގާއިމްކޮށްފައިވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެގެން 1891-92 ވަނައަހަރުގެ ސީޒަންގައި ޕްރެސްޓަން އަދި 1987-88 ވަނަ އަހަރުގެ ސީޒަންގައި އާސެނަލްއެވެ.