ކުޅިވަރު

އިނގިރޭސި އެފް އޭ ކަޕްގެ ކްއާޓަރ ފައިނަލަށް އެވަޓަން


އިނގިރޭސި އެފް. އޭ. ކަޕްގެ ކްއާޓަރ ފައިނަލުން އެވަޓަން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން އެވަޓަން ޖާގަހޯދި މި މުބާރާތުގެ ފަސްވަނަ ބުރުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ރޭ ބައްދަލުކުރިމެޗް 5 ލަނޑު 4 ލަނޑުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 4 ލަނޑު 4 ލަނޑުން އެއްވަރު ވުމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޓޮޓްނަމްގެ ސޮން ހިއުންގ މިން ނަގައިދިން ކޯނަރަކުން ކާމިޔާބުކުރީ ޑަވިންސަން ސަންޗޭޒްއެވެ. އަދި މީގެއިތުރުން ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު މެޗްގެ ކުރީކޮޅު ޓޮޓްނަމުން ތަނަވަސްކުރިއެވެ. ނަމަވެސް އެވަޓަންއިންވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ޓޮޓްނަމްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އަދި މެޗްގެ 36 ވަނަ މިނެޓްގައި ޑޮމިނިކް ކަލްވަރޓް ލުއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ އެވަޓަންއަށް ހަމަހަމަކޮށްދިނެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓްފަހުން އެވަޓަންގެ ރިޗާލިސަންވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އެވަޓަންއިން އެޓީމްގެ ލީޑު ފުޅާކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ގިލްފީ ސިގަރޑްސަންއެވެ.

މިނަތީޖާއާއެކު މިމެޗުން އެވަޓަން ފަސޭހަ ކަމާއެކު މޮޅުވާނެކަމަށް ހީކުރެވުނު ނަމަވެސް ޓޮޓްނަމްގެ އެރިކް ލަމޭލާ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިން ލަނޑާއެކު އެޓީމަށް އަލުން ހިތްވަރު ލިބިގެންދިޔައެވެ. އަދި މެޗްގެ 57 ވަނަ މިނެޓްގައި ޓޮޓްނަމުން މިމެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސަންޗޭޒްއެވެ. މިމެޗްގައި އެވަޓަންއިން ޖެހި 4 ވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހައިދިނީ ރިޗާލިސަންއެވެ. އަދި ޓޮޓްނަމުން އެއްވަރު ކުރި ލަނޑު މެޗް ނިމެން 7 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ސޮން ނަގައިދިން ހުރަހަކުން ހެރީ ކޭންއެވެ. މިލަނޑާއެކު މިމެޗް ޓޮޓްނަމް ކޮޅަށް އެނބުރެނީކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި އެވަޓަންގެ ބަރނާޑް ޖަހައިދިން ލަނޑާއެކު މިމެޗް އެވަޓަން ކާމިޔާބުކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗް ޖޯސޭ މޮރީނިއޯ ހާމަކުރިގޮތުގައި މެޗެއްގައި ހަތަރު ލަނޑު ޖަހާއިރު އެމެޗަކުން މޮޅުވާން ޖެހޭނެކަމަށެވެ. ނަމަވެސް މިމެޗްގައި ފެނިގެންދިޔައީ އޭނާގެ ޓީމުން އެޓޭކިންގ ގޭމެއް ކުޅުނު އިރު ޑިފެންސިވް މިސްޓޭކް ތަކެއް ހެދި ތަންކަމަށެވެ. ނަމަވެސް މިމެޗުން މޮޅުވާން ކުޅުންތެރިންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިކަންވެސް އޭނާ ފާހަގަކުރިއެވެ. އަދި މެޗުން ނަގައިގަންނަން ބޭނުންވަނީ ކުރެވުނު ރަނގަޅު ކަންތައްތައް ކަމަށްވެސް އޭނާ ހާމަކުރިއެވެ. އެވަޓަންގެ އެސިސްޓަން ކޯޗު ޑަންކަން ފަރގަސަން ހާމަކުރިގޮތުގައި މި ނިމުނީ ގިނަ ބަޔަކު ބަލާހިތްވާފަދަ ފޯރިގަދަ މެޗެއް ކަމަށާއި ޓޮޓްނަމުން ރަނގަޅަށް މެޗް ފެށިނަމަވެސް އޭނާގެ ޓީމުން ވަކިހިސާބަކުން ކޮންޓްރޯލް ނެގި ކަމަށެވެ. އަދި 3 ލަނޑު އެއްލަނޑުން ކުރީގައި އޮއްވާ ޓޮޓްނަމުން އެއްވަރު ކުރުމުން ހާސް ކަމުގެ ތެރެއަށް ދިޔަ ކަމަށާއި ނަމަވެސް އެންމެފަހުން ނިމުން ރަނގަޅުވީ ކަމަށެވެ. ފަރގަސަން ހާމަކުރިގޮތުގައި އެފް.އޭ. ކަޕްގެ ތަށި އެންމެ ފަހުން އެވަޓަންއިން އުފުލާލިތާ މިހާރު 25 އަހަރު ވެގެން ހިނގައްޖެކަމަށާއި މިފަހަރު މި މުބާރާތުގެ ފައިނަލުން ޖާގައެއް ލިބުން އެގެންދާނީ ރަނގަޅު ކަމަކަށެވެ.