ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރަށް ޖޯކޮވިޗް އާއި ކިރްގިއޯސް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް އާއި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން އެންމެފަހުގެ ޗެމްޕިއަން ޖޯކޮވިޗް ޖާގަހޯދީ ދެވަނަ ބުރުގައި އެމެރިކާގެ ފްރާންސިސް ޓިއަފޯ އާއި ބައްދަލުކޮށް 3 ސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް ހަތެއް، ހަތެއް ހައެއް އަދި ހައެއް ތިނަކުންނެވެ. މިމެޗްގައި ޖޯކޮވިޗަށް ޓިއަފޯގެ ފަރާތުން އުނދަގުލާ ކުރިމަތިލާން ޖެހުނެވެ. މިގޮތުން ދެވަނަ ސެޓާއި ތިންވަނަ ސެޓްގައި ނަތީޖާ ނެރެފައިވަނީ ޓައި ބްރޭކަން ގޮސްގެންނެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން އޮސްޓްރޭލިއާގެ ކިރްގިއޯސް ޖާގަހޯދީ ދެވަނަ ބުރުގައި ފަރަންސޭސިވިލާތުގެ އޫގޯ ހުންބައަރ އާއި ބައްދަކޮށް 3 ސެޓް 2 ސެޓުން ކުރި ހޯދައިގެންނެވެ. އެއީ ފަހެއް ހަތެއް، ހައެއް ހަތަރެއް، ތިނެއް ހައެއް، ހަތެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗްގެ ހަތަރުވަނަ ސެޓްގައި ކިރްގިއޯސް ފަސް ގޭމް ހަތަރު ގޭމުން ފަހަތުގައި އޮތް ނަމަވެސް ފަހަތުންއަރާ އެސެޓް ކާމިޔާބުކޮށް ފަސްވަނަ ސެޓްވެސް ކާމިޔާބުކުރިއެވެ. އަދި މިމެޗް ބެލުމަށްޓަކައި ގިނަ އަދަދެއް ކުޅިބެލުންތެރިން ދިޔަކަން ފާހަގަކޮށްލެވެއެވެ. ތިންވަނަ ބުރުގައި ކިރްގިއޯސް ބައްދަލުކުރާނީ އެންމެފަހުން ބޭއްވި މުބާތާތުގެ ފައިނަލްގައި ވާދަކޮށްފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތީމްއާއެވެ.
ޑޮމިނިކް ތީމް ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ޖަރުމަނުވިލާތުގެ ޑޮމިނިކް ކޮއުފަރ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ސުމެއް އަދި ހައެއް ދެއަކުންނެވެ.

މީގެއިތުރުން ދެވަނަ ބުރުގެ އެހެން ނަތީޖާއަކަށް ބަލާލާއިރު ސްވިޓްޒަލަންޑްގެ ސްޓޭން ވަވްރިންކާ އާއި ހަންގޭރީގެ މާރޓަން ފުކްސޮވިޗް ބައްދަލުކުރިމެޗް 3 ސެޓް ދެސެޓުން ކާމިޔާބުކުރީ ފުކްސޮވިޗްއެވެ. ތިންވަނަ ބުރުގައި ފުކްސޮވިޗް ބައްދަލުކުރާނީ މުބާރާތުގެ 14 ވަނަ ސީޑް މިލޯސް ރައޮނިކްއާއެވެ. ރައޮނިކް ތިންވަނަ ބުރުން ޖާގަހޯދީ ފަރަންސޭސިވިލާތުގެ ކޮރެންޓިން މައޮޓެޓް އާ ބައްދަލުކުރިމެޗް 3 ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.