ޚަބަރު

ރާއްޖެއިން އެރިޓްރެއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފި


ދިވެހިރާއްޖެއިން އުތުރު އިރުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ އެރިޓްރެއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފިއެވެ.

އެރިޓްރެއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރުން އޮތީ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިއްޔެއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އަދި އެރިޓްރެއާގެ ފަރާތުން ސޮއިކުރެއްވީ އެރިޓްރެއާގެ ފަރާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސޯފިއާ ޓެސްފަމަރިއަމް ޔޮހާނޭސް އެވެ.

ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމަށް އިހްތިރާމް ކުރާ، އަދި އެގުޅުމުގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގައި އިސްކަމެއް ދެއްވާ ކަމެކެވެ.

ރަތްކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރެއާ އަކީ އާބާދީގައި ގާތްގަނޑަކަށް 3.2 މިލިއަން މީހުން ހިމެނޭ، އަދި އިތިއޯޕިއާ، ސޫދާން، އަދި ޖިބޫތީ އާއެކު ސަރަހައްދީ އިން ހިއްސާކުރާ ޤައުމެކެވެ. އެރިޓްރެއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ އަދަދަކީ 176 އެވެ.