ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިންޖެހި މީހުން 20،000އިން މައްޗަށް


ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އިން ރައްކާތެރިވާ ވެކްސިން ޖެހި މީހުންގެ ޢަދަދު ވިހި ހާހަށްވުރެ މައްޗަށް އަރައިފިއެވެ. މިވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މިއަދަކީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ވެކްސިން ދިން ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައިވަނީ 3910 މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދީފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ވެކްސިން ޖެހީ 3285 މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 16703 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

އަތޮޅުތަކުން 625 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 3458 އަކަށް އަރާފައެވެ.

ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 38 ސެންޓަރެއްގައި މިހާރުވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންދަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ވެކްސިން ފުރަތަމަ ޖަހަންފެށީ ކޯވިޑް-19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގަޔަށެވެ. ނަމަވެސް މިހާރުވަނީ އުމުރުން 55އަހަރުން މަތީގެ މީހުންގެ ގަޔަށްވެސް ވެސްސިން ޖަހަން ފަށާފައެވެ.

ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްވަނީ ހުޅުވާލާފައެވެ.