ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ޖެހިޖެހިގެން ހަތަރު ހަފުތާވަންދެން ދަށަށް ގޮސްފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެއާއެކު ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުވާން ފަށާފައިވާކަމުގެ އުންމީދުވަނީ އިތުރުވެފައެވެ.
ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދުވެސް ފާއިތުވި ދެ ހަފުތާގައިވަނީ ދަށަށް ގޮސްފައެވެ. މިދިޔަ ހަފުތާގައި ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ 88،000 މީހުންނެވެ. އެއީ އޭގެ ކުރީ ހަފުތާއާއި އަޅާބަލާއިރު 10 އިންސައްތަ ދަށް ޢަދަދެކެވެ.
މިދިޔަ ހަފުތާގައި 3.1 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވާކަމަށް ޑަބްލިއުއެޗުއޯއިން ބުންޏެވެ. އެއީ އޭގެ ކުރީ ހަފުތާއާއި އަޅާބަލާއިރު 17 އިންސައްތަ ދަށް ޢަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހުން ފެށިގެން ކޯވިޑް 19 ޖެހިފައިވާ މީހުންގެ ޢަދަދު އެންމެ ދަށްވި ޢަދަދެވެ. ހަފުތާއަކު އެއްފަހަރު ޑަބްލިއުއެޗުއޯއިން ނެރޭ ތަފާސްހިސާބުތަކުގައި ބުނީ ގިނަ ޤައުމުތަކެއްގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދިޔަ ނަމަވެސް މުޅި ދުނިޔޭގެ ޢަދަދުތަކަށް ބަލާނަމަ މިހާރުގެ ޢަދަދުތަކަކީ އުންމީދީ ޢަދަދުތަކެއްކަމަށެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އެމެރިކާގައެވެ. އެއީ 871،365 މީހުންނެވެ. އެ ޢަދަދަކީ އޭގެ ކުރީ ހަފުތާގައި އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ ޢަދަދާއި އަޅާބަލާއިރު 19 އިންސައްތަ ދަށް ޢަދަދެކެވެ. ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ދެން އެންމެ ގިނައީ ބުރެޒިލާއި ފަރަންސޭސިވިލާތާއި ރަޝިޔާއާއި އިނގިރޭސިވިލާތުގައެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެ ހަތަރު ޤައުމުންވެސް ބަލިޖެހޭ މީހުންގެ ޢަދަދު އޭގެ ކުރީ ހަފުތާއާއި އަޅާބަލާއިރު ދަށެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ ތެރެއިން ބަލިޖެހޭ މީހުންގެ ޢަދަދު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ އެފުރިކާގައެވެ. އެ ބައްރުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ 22 އިންސައްތަ ދަށަށް ގޮސްފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އެންމެ ކުޑަކޮށް ދަށަށް ގޮސްފައިވަނީ އިރުމަތީ މެޑިޓެރޭރިއަން ސަރަޙައްދުގައެވެ. އެއީ އެންމެ 2 އިންސައްތައިގެ ދަށްވުމެކެވެ.
އަލަށް ބަލިޖެހޭ މީހުންގެ ދެބައި ކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ޙިއްސާކޮށްފައިވަނީ އެމެރިކާ ބައްރުގެ ޤައުމުންނެވެ. އެގޮތުން އެ ބައްރުގައި 1.5 މިލިއަން މީހުންނަށް ބަލިޖެހި 45،000 މީހުންވަނީ މަރުވެފައެވެ. ދުނިޔޭގައި މިހާތަނަށް 107 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 2.3 މިލިއަނަށްވުރެ ގިނަ މީހުންވަނީ ކޯވިޑް-19 ޖެހިގެން މަރުވެފައެވެ. ކޯވިޑް-19އާއި ދެކޮޅަށް މިހާރު ވެކްސިން ދޭން ފަށާފައިވާތީ، ބަލިމަޑުކަމަށް ނިމުމެއް އަންނަން ގާތް ވެއްޖެކަމަށް ގިނަ ޤައުމުތަކަކުން ޤަބޫލުކުރެއެވެ.
ބައެއް ޤައުމުތަކުގައި ކޯވިޑް-19 ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އާންމުންނަށް ދީފައިވާ ނަމަވެސް، 130 އެއްހާ ޤައުމުގައި އަދި ބައްޔާއި ދެކޮޅަށް ވެކްސިން ދޭން ފަށާފައި ނުވާކަމަށް ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނަމް ގެބްރިއޭސުސްވަނީ ފާހަގަކުރައްވާފައެވެ. ޤައުމުތަކުގެ އާބާދީ އެއްކޮށްލުމުން ގުލް އާބާދީގެ ޢަދަދު 2.5 ބިލިއަނަށްވުރެ ގިނަ މީހުންނަށް އަރައެވެ.