ޚަބަރު

މަތިންދާބޯޓު ވެއްޓުނު ސަބަބު އަދި ނުހޯދޭ


މިދިޔަ މަހުގެ ތެރޭގައި ވެއްޓުނު އިންޑޮނޭޝިޔާގެ މަތިންދާބޯޓު ވެއްޓުނު ހާދިޘާއާއި ގުޅޭ ރިޕޯޓު އާންމުކުރުމުގެ ކުރިން އެ ބޯޓުން ދަތުރުކުރި މީހުންގެ ޢާއިލާތަކަށް ހާދިޘާއާއިބެހޭ މަޢުލޫމާތު ދިނުމަށް ތައްޔާރުވެއްޖެއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ހާދިޘާއާއި ގުޅޭ އިބްތިދާއީ ރިޕޯޓު އާންމުކުރުމުގެ ކުރިން ކަމާއިބެހޭ އިދާރާތަކުން ޢާއިލާތަކަށް މަޢުލޫމާތު ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އިންޑޮނޭޝިޔާގެ ޕޮންޓިއަކުގައިވަނީ މަރުވި މީހުންގެ ޢާއިލާތަކާއި ބައެއް މަޢުލޫމާތުތައް އިއްޔެވެސް ވަނީ ޙިއްޞާކޮށްފައެވެ.

62 ފަސިންޖަރުން ގޮވައިގެން އިންޑޮނޭޝިޔާގެ ޕޮންޓިއަކަށް ދަތުރުކުރި ސްރީވިޖަޔާ އެއާގެ މަތިންދާބޯޓު ޖަކާޓާ އެއާޕޯޓުން ފުރީ ޖެނުއަރީ މަހުގެ 9ވަނަ ދުވަހުގެ ޖީއެމްޓީން 7:36 ގައެވެ. އެއަށްފަހު ބޮއިންގ 727-500 މަރުކާގެ އެ ބޯޓުގެ ޕައިލެޓުވަނީ 29،000 ފޫޓުގެ އުހަށް ބޯޓު އުފުލުމަށް އެއާ ޓްރެފިކް ކޮންޓްރޯލަށް ގުޅާ ހުއްދަ ހޯދާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ބޯޓު ރާޑަރުން ގެއްލި، ބޯޓާއެކު އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ. އޭގެ ފަހުން ބޯޓު ދަތުރުކުރަމުންދިޔަ އުސްމިނުން 10،000 ފޫޓް ތިރިއަށް މިނެޓެއްގެ ތެރޭގައި ވެއްޓުނުކަން ފްލައިޓްތައް ދަތުރުކުރާ ގޮތް ދައްކުވާދޭ ރާޑާއަށް ވަނީ ރިކޯޑްކުރެވިފައިވެއެވެ. އެ ހާދިޘާގައި ބޯޓުން ދަތުރުކުރި އެންމެންވަނީ މަރުވެފައެވެ.

ހާދިޘާ ތަހުގީގުކުރާ ފަރާތްތަކުންވަނީ ވެއްޓުނު ބޯޓުގެ ފްލައިޓް ޑާޓާ ރިކޯޑަރު (އެފްޑީއާރު) ބޯޓު ވެއްޓުނު ސަރަޙައްދުން ހޯދައި، އޭގައި ރައްކާކޮށްފައިހުރި މަޢުލޫމާތުތައް ދިރާސާކޮށްފައެވެ. މަތިންދާބޯޓުގެ ކޮކްޕިޓުގައި ދެކެވޭ ވާހަކަތަކާއި އަޑުތައް ރެކޯޑުކުރާ ވޮއިސް ރިކޯޑަރު މިހާތަނަށް ފެނިފައެއް ނުވެއެވެ. އެ ކަޅުފޮށި ހޯދުމުގެ މަސައްކަތް އަދިވެސްދަނީ ކުރިއަށެވެ. ދިރާސާކުރާ ފަރާތްތައްވަނީ ބޯޓުގެ އޮޓޯތުރޮޓުލް ނިޒާމު ހިމެނޭގޮތަށް ބައެއް ބައިތައް އިތުރަށް ތަހުލީލުކުރުމަށް އެމެރިކާއަށާއި އިނގިރޭސިވިލާތަށް ފޮނުވާފައެވެ.

ބޯޓު ވެއްޓު ހާދިޘާގައި މަރުވި މީހެއްގެ ޢާއިލާ މެންބަރަކު ބުނީ ހާދިޘާ މެދުވެރިވި ސީދާ ސަބަބު ހޯދިފައިނުވާކަމަށް އިދާރާތަކުން ޢާއިލާތަކަށް އަންގައިފައިވާކަމަށެވެ. ނަމަވެސް ބޯޓުގެ އޮޓޯތުރޮޓުލް ނިޒާމު އިތުރަށް ބަލަމުންދާކަމަށް އެ ފަރާތުން ބުނެފައިވާކަމަށް ބުނެއެވެ. މަރުވި މީހެއްގެ ޢާއިލާ މެންބަރަކު ބުނީ ބޯޓަށް މެދުވެރިވި މައްސަލަތަކުގެ ޓެކްނިކަލް ތަފްޞީލްތަކަކީ ޢާއިލާތަކަށް ފަހުމުވާ މަޢުލޫމާތުތަކެއް ނޫންކަމަށެވެ. އަދި މިޙާލަތުގައި ޢާއިލާތަކުން ބޭނުންވަނީ ލިބުނު ގެއްލުމުގެ ބަދަލުކަމަށް އިދާރާތަކަށް އަންގާފައިވާނެކަމަށް އޭނާ ބުނެއެވެ.

މަތިންދާބޯޓު ވެއްޓޭ ހާދިޘާތައް ތަހުގީގުކޮށް އެންމެ ފަހު ރިޕޯޓު އެކުލަވާލުމަށް އާންމު ގޮތެއްގައި ގިނަ މަސްތަކެއް ހޭދަވެއެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ ދަށުން ހާދިޘާ ހިންގުމުގެ އަހަރެއްގެ ތެރޭގައި ހާދިޘާއާއި ބެހޭ ފަހު ރިޕޯޓު ހުށަހަޅަންޖެހެއެވެ.