ޚަބަރު

ޣިޔާޘުއްދީން ސްކޫލު ކުރިމަތިން އޮންނަ ކޮޅުބެދިފައިވާ ގޯޅީގައި ވެހިކަލް ޕާކުކުރުން މަނާކޮށްފި


ޣިޔާޘުއްދީން ސްކޫލު ކުރިމަތިން އޮންނަ ކޮޅުބެދިފައިވާ ގޯޅީގައި ވެހިކަލް ޕާކުކުރުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، އަމީނީމަގު 239 ނަންބަރު ބްލޮކުގެ ކޮޅުބެދިފައިވާ ގޯޅީގައި މިއަދުން ފެށިގެން ދުއްވާ އެއްޗެހި ޕާކުކުރުން މަނާކޮށްފައިވާކަމަށެވެ. އަމީނީމަގު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ކުރިމައްޗަށްވާގޮތަށް ކޮޅުބެދިފައިވާ ހަނި ގޯޅީގެ ދެ ފަރާތުގައި ގިނަ އަދަދަކަށް ސައިކަލު ޕާކުކޮށްފައިވާތީ، އެ ގޯޅި ބޭނުންކުރުމުގައި ދަތިތަކާކުރިމަތިވާކަން އެ ސަރަޙައްދުގެ ގޭބިސީތަކުގައި ދިރިއުޅޭ އާއްމުން ފާހަގަކުރެއެވެ.

އެ ގޯޅީގައި ދިރިއުޅޭ ފަރާތަކުން ދާދިފަހުން ވަނީ އޭނާގެ ބައްޕައަކީ ހަފްތާއަކު 3 ދުވަހު އައި.ޖީ.އެމް.އެޗްއަށް ގެންދަންޖެހޭ އެނދުމަތިވެފައިވާ މީހެއްކަމަށާއި، ކޮންމެ ފަހަރަކު އެ ހަނި ގޯޅިއަށް ސްޓްރެޗަރ ވައްދާ ނެރުމުގައި ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ސިޓީ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، އަމީނީމަގު މއ. ސްޑޭޑިއަމްގެ އިރުމަތީ ކޮޅުގައި 93 ސައިކަލަށް ޕާކު ކުރެވޭނެޖާގަ ހަދައިދީފައިވާކަމަށެވެ. އަދި އެ ހަނިގޯޅީގައި ވެހިކަލް ޕާކުކުރާ ފަރާތްތަކުންވެސް ގޯޅީގައި ޕާކުކުރުމުގެ ބަދަލުގައި އެ ޒޯން ބޭނުންކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

މި ގޯޅިއަށް ގެނެވުނު ބަދަލުތަކާގުޅޭ މަޢުލޫމާތު ގޯޅީގައި ދިރިއުޅޭ ގޭބިސީތަކާވެސް ހިއްސާކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.