ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.

ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50000 ރުފިޔާ ދިނުމަށް ވަނީ ކަނޑަައަޅާފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް 6 މާރިޗުގެ ނިޔަލަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.