ވިޔަފާރި

ޓޫރިސްޓް ބެޑް ނައިޓްސް މިއަހަރު 10 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ: ޓޫރިޒަމް މިނިސްޓަރ


ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ދޭން ފަށާފައިވާތީ ފަތުރުވެރިން އަންނަ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ މިއަހަރު 10 މިލިއަން ބެޑްނައިޓްސް ލިބޭނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގެ އިދާރާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، މިއަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު ރާއްޖެ އަންނާނެކަމަށް އެންމެ ފުރަތަމަ އަންދާޒާ ކުރީ އެއް މިލިއަން ފަތުރުވެރިންކަމަށެވެ. ނަމަވެސް ރާއްޖޭގައި ކުރިން އުއްމިދު ކުރި މުއްދަތަށްވުރެ އަވަހަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިފައިވާތީ އެ ޢަދަދު މުރާޖައާކޮށް މިހާރު ރާއްޖެ އަންނާނެކަމަށް ލަފާކުރަނީ 1.5 މިލިއަން ފަތުރުވެރިންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިން އަންނަ ޢަދަދު ގުނުމުގެ ބަދަލުގައި މިއަހަރު ޢަދަދުތައް ގުނާނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ ޢަދަދު ނުވަތަ ބެޑް ނައިޓްސް އިންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޖެނުއަރީ އަދި ފެބުރުއަރީގައި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ކުރިން އަންދާޒާ ކުރި ޢަދަދަށްވުރެ މަދުންކަމަށާއި، އެގޮތުން މިދިޔަ އަހަރަށްވުރެ %47 ދަށްކަކަމަށެވެ. ނަމަވެސް ރަޝިއާއާއި ޗައިނާއިން ފަތުރުވެރިން އަންނަން ފެށުމުން ފަތުރުވެރިން އަންނަ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެއީ ބެޑްނައިޓާއި ލިބޭ އާމްދަނީއާއި ގުޅިފަ އޮންނާތީ. އެހެންވީމަ މިހާރު އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 10 މިލިއަން ބެޑްނައިޓްސް ލިބޭނެކަމަށް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއްޖެ. މި ޖެނުއަރީ ފެބުރުއަރީގައި އަޅުގަނޑުމެން ފުރަތަމަ އަންދާޒާކުރި ޢަދަދަކަށް ފަތުރުވެރިންނެއް ނުއެއް އައި. އެއީ ޔޫރަޕް އާދަޔާ ޚިލާފަށް ބަންދުވުމާއި ގުޅިގެން. ނަމަވެސް ވެކްސިން މިހާރު ފެށީމަ އުއްމީދު އައުވެއްޖެ." މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ސަރުކާރުން ވެކްސިން ދިނުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތާއި، ވެކްސިން ޕްރޮގްރާމަށް ލިބޭ ތަރުހީބުގެ އަލީގައި އާބާދީއަށް އެއްކޮށް އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ފުރުޞަތު ލިބޭ ޤައުމަކަށް ރާއްޖެ ވާނެކަމަށެވެ. އެކަން މިހާރުވެސް ބޭރު މީޑިއާގައި ފާހަގަކުރަމުން އަންނަކަމަށާއި، އެހެންކަމުން މިހާރުވެސް ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށް ފަތުރުވެރިން ދެކޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެއަރޕޯޓާއި ރިސޯޓްތަކާއި، ގެސްޓްހައުސް އަދި ހޮޓާތައްވެސް ރަނގަޅަށް ހިނގަމުން އަންނަކަމަށާއި، މިވަގުތު އެންމެ ބޮޑަށް އިސްކަންދެއްވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އައްޑޫސިޓީގައި މުހިންމު 2 ރިސޯޓެއް އަދިވެސް ނުހުޅުވާ އެބައޮތްކަމަށެވެ. އެހެންކަމުން ސަދަން ޒޯން ޕްރޮމޯޓްކުރުމަށް ޚާއްޞަ ޕެކޭޖެއް ތަޢާރަފްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައްޑޫ ގަން އިންޓަރނޭޗަލް އެއަރޕޯޓަށް ޗާޓަރ ފްލައިޓްތައްވެސް ވަރަށް އަވަހަށް އަންނަން ފަށާނެކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 614 ތަނެއް ހުޅުވައި އަލުން ޚިދުމަތްދޭން ވަނީ ފަށާފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ސަފާރީތަކާއި ގެސްޓްހައުސްތައްވެސް ހިމެނެއެވެ. މިއާއިއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދު ވަނީ 43000 އަށްވުރެ އިތުރުވެފައެވެ.

ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555494 ފަތުރުވެރިންނެވެ.