މުނިފޫހިފިލުވުން

ރިޝީ ކަޕޫރުގެ ކޮއްކޮ ރާޖީވް ކަޕޫރު މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު، އަދި ރިޝީ ކަޕޫރުގެ ކޮއްކޮ ރާޖީވް ކަޕޫރު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ރާޖީވް ކަޕޫރު މަރުވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެއެވެ. ރާޖީވްގެ ބޭބެ ރަންދީރް ކަޕޫރު ވަނީ މީޑިއާއަށް އެކަން ކަށަވަރު ކޮށްދީފައެވެ. ރާޖީވްގެ ކުއްލި މަރާއެކު، ބޮލީވުޑްގެ އޭރާއި މިހާރުގެ ތަރިން އަންނަނީ އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ. ރާޖީވް ކަޕޫރު މަރުވިއިރު އޭނާގެ އުމުރަކީ 59 އަހަރެވެ.

އެކްޓަރ ރާޖީވް މަރުވެފައި މިވަނީ ފިލްމީ މަސައްކަތްތަކާއި ދުރުގައި ހުންނަތާ ގާތްގަނޑަކަށް 30 އަކަށް އަހަރު ފަހުން އޭނާ އަލުން އަނބުރާ ސިނަމާތަކަށް އަންނަން އުޅޭކަމުގެ އަޑުތައްވެސް ފެތުރިފައިވަނިކޮށެވެ.

ރާޖީވް ކަޕޫރަކީ ހިންދީ ސިނަމާތަކުގެ ފުރަތަމަ އާއިލާ ކަޕޫރް އާއިލާގެ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ރާޖް ކަޕޫރުގެ ފަސްކުދިންގެ ތެރެއިން އެކަކެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް އާއިލާކަމަށްވާ ކަޕޫރު އާއިލާއަށް ނިސްބަތްވާ ރާޖީވް ބޮލީވުޑަށް ތަޢާރަފުވެފައިވަނީ 1983 ވަނަ އަހަރު ރިލީޒްކުރި "އޭކް ޖާން ހޭ ހަމް" އިންނެވެ. ރާޖީވްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ރާމް ތޭރީ ގަންގާ މައިލީ"، "އާސްމާން"، "ލަވަރ ބޯއީ"، "ޒަބަރްދަސްތު"، އަދި "ހަމް ތޯ ޗަލޭ ޕަރްދޭސް" ފަދަ ފިލްމްތައް ހިމެނެއެވެ.

އޭނާ އެންމެފަހުން ފެނިގެންގޮސްފައިވަނީ 1990 ވަނަ އަހަރު ނެރުނު "ޒިންމޭދާރް" އިންނެވެ. އެކްޓްކުރުމުގެ އިތުރުން ރާޖީވް ވަނީ ބައެއް ފިލްތައް ޕްރޮޑިއުސްކުރުމާއި ޑައިރެކްޓްކުރުމާއި އެޑިޓްކުރުމުގައިވެސް ހަރަކާތްތެރިވެފައެވެ.

ރާޖީވް މަރުވެފައިވާއިރު، ކަޕޫރު އާއިލާއިން އުފެދުނު އެންމެ ކާމިޔާބު އެކްޓަރކަމަށްވާ ރާޖީވްގެ ބޭބެ ރިޝީ ކަޕޫރު މަރުވެފައިވަނީ 30 އޭޕްރީލް 2020 ގައެވެ. އުމުރުން 67 އަހަރުގެ ރިޝީ ކަޕޫރު މަރުވީ މުމްބާއީ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ރިޝީ މަރުވެފައިވަނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.