ޚަބަރު

އުދައްޔުގެ މަރާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި


ގއ.މާމެންދޫގައި ރޭ މާރާމާރީއެއް ހިންގައި ކުއްޖަކު މަރާލުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިތުރު 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކިށްފައިވަނީ ޢުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިންވެސް ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ޢުމުރުން 27 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކާއި ޢުމުރުން 18 އަހަރުގެ ކުއްޖެކެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއް ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.

ގއ.މާމެންދޫގައި ރޭ ހިނގި މާރާމާރީގައި ނިޔާވި އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ. ފުލުހުން ވިދާޅުވީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރޭގެ މާރާމާރީގައި ނިޔާވި އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. 17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.