ޚަބަރު

ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢިއުލާންކޮށްފި


ހުޅުމާލެ ދެވަނަ ފިޔަހަވީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720އަށް ބަދަލުކޮށްފައެވެ.

"ހިޔާ" މަޝްރޫޢުގެ 6،720 ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓް މިހާރު ވަނީ އެކުލަވާލެވިފައެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ ކެޓަގަރީތައް

  • 1. H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ) ކެޓަގަރީ-207
  • 2. H5 (ޓީޗަރުންނަށް ޚާއްސަ) ކެޓަގަރީ-486
  • 3. H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ-423
  • 4. H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ-805
  • 5. H8 (މާލޭ ރަށްވެހިންނަށް ޚާއްސަ) ކެޓަގަރީ-1837
  • 6. H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ-1044
  • 7. H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީ-200
  • 8. ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ-246

ހިޔާ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވިދާޅުވީ ކޮންމެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކޮށްފައިވާކަމަށެވެ. އަދި ކެޓަގަރީތަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު ދާއިމީ ލިސްޓުވެސް ޢާންމުކޮށްފައިވާކަމަށެވެ.

އެ ކޮމިޓީން ވިދާޅުވީ ކެމި ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ޝަކުވާ ހުށައެޅި ފަރާތްތަކަށް ލިޔުމުން ޖަވާބު ދީފައިވާކަމަށެވެ. ކޮމިޓީން ވިދާޅުވީ ދާއިމީ ލިސްޓު އިޢުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި، އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހުގައި ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 24 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް، ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާގުޅޭ ގޮތުން ނެރެފައިވާ އިއުލާންގައި ކަނޑައަޅާފައިވާ އެލޮކޭޝަންއާ އެއްގޮތަށެވެ.

ނަމަވެސް، ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، %50 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް އެ ކޮމިޓީއިން ވަނީ ކަނޑައަޅާފައެވެ. އަދި ދާއިމީ ލިސްޓް ފައިނަލްކުރިއިރު، ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓްގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު މަދުވާނެކަމަށް އެ ކޮމިޓީން ވިދާޅުވެއެވެ. އަދި ހިޔާ މަޝްރޫޢިން ފްލެޓް އެލޮކޭޓްކުރާއިރު، މާލޭގެ ރަށްވެހިންނަށް ފުރުސަތު ބޮޑުވާނެގޮތަށް ފްލެޓް އެލޮކޭޓްކުރުމުގެ އުސޫލަށް ބަދަލުގެންނެވުން އެންމެ ރަނގަޅުކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެކި ކެޓަގަރީތަކުން މިގޮތަށް ބާކީވާ ފްލެޓް H8 މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަސް އިތުރުކޮށްފައިވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވިދާޅުވެއެވެ.

ކުރި ސަރުކާރުން ވަނީ ފްލެޓު ލިބޭނެކަމަށް ލިސްޓެއް ކަނޑައަޅައި ޝަރުތު ހަމަވާ މީހުންނަށް ފްލެޓު ލިބުނު ކަމުގެ ލިޔުންވެސް ހާވާލުކޮށްފައެވެ. އެހެންނަމަވެސް ފްލެޓު ދިނުމުގައި އަމަލުކޮށްފައިވަނީ އިންސާފުން ނޫންކަމަށްބުނެ، ފްލެޓުތަކުގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލިއެވެ. އެކޮމެޓީން ވަނީ ހިޔާ މަޝްރޫއަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް ވަކިވަކިން ބަލައި އަލުން އިވެލުއޭޓު ކޮށްފައެވެ.

ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމުކޮށް ފްލެޓު ކޮމެޓީ އިން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައި ކަމަށެވެ.

ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ. މިމަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.

ހިޔާ ފްލެޓުތަކުން ނަގާނެ ސީދާ ކުލި އަދި އާންމު ނުކުރި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފްލެޓުތަކުގެ ކުލި 7،000 އަށްވުރެ ބޮޑު ނުކުރާނެ ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.