ޚަބަރު

އައިއެސްއާއި ގުޅިގެން ބޮން ގޮއްވަން ރޭވި މީހުންގެ މައްސަލަ ކޯޓަށް


ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން، ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް ދައުވާކުރަން ފޮނުވައިފިއެވެ،

މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ތ ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފާއި ހަމަ އެރަށު އަސްރަފީވިލާ އުމުރުން 32 އަހަރުގެ އަޙްސަން މުހައްމަދުާއި އެރަށު ކެނެރީގެ އުމުރުން 28 އަހަރުގެ އަލީ މުނީޒާއި ތިމަރަފުށީ އަސުރުމާގެ އުމުރުން 34 އަހަރުގެ މުހައްމަދު އާޞިރާއި އެރަށު ސައިމާގެ އުމުރުން 20 އަހަރުގެ ސަމާހު ޝަރީފުގެ އިތުރުން ރ. ކަނދޮޅުދޫ ފެހިވިލާ އުމުރުން 18 އަހަރުގެ އަލީ އަރުހަމް މުހައްމަދާއި ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠާއި ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށެވެ.

މި 8 މީހުންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގެ ތެރޭގައި ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމަޢަތްތަކަށް ތާޢީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާޢަތްތަކުގެ ޢަމަލުތަކަކީ ސަބަބުވެރި ޢަމަލުތަކެއްކަމަށް ދައްކައި ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުން ހިމެނެއެވެ

މީގެއިތުރުން ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން ބޭނުންކުރާ "ނަސާޙް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށްފަހު އައި.އީ.ޑީ ގޮއްވާލައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިއުމާއި، ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގުންވެސް ހިމެނެއެވެ.

އަދި ތ. ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅުއްވާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދިއުމާއި ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައިވެސް މި މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

މި މީހުންގެ ތެރެއިން ތ ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފްގެ މައްޗަށް 3 ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދަޢުވާއެވެ.

އެރަށު އަސްރަފީވިލާ އުމުރުން 32 އަހަރުގެ އަޙްސަން މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ 2 ދައުވާއެކެވެ. އޭގެތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށް 3 ދައުވާއެއް ކުރެއެވެ. މިގޮތުން މީނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި ހިމެނޭ ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށް 4 ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މީހުންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށައަޅާފައިވަނީ އިއްޔެކަމަށެވެ. މި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަދުވަހު އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މި އެންމެނަކީވެސް ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސް އާއި ގުޅުން އޮންނަ ބައެއްކަމަށެވެ. އަދި މިމައްސަލާގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެމީހުންގެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.