ޚަބަރު

ރިޟްވާނުގެ މަރުގެ މައްސަލައިގައި ވަޅި ވަނީ މުހިންމު ހެއްކަކަށް ވެފައި: މަރު ކޮމިޝަން


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނު ކަމަށް ބުނާ ވަޅި، އެމައްސަލައިގެ މުހިންމު ހެއްކަކަށްވެފައިވާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަންގެ މެންބަރު މިސްބާޙް ޢައްބާސް ވިދާޅުވީ، އެވަޅީގެ ފޮރެންސިކް ތަޙްޤީޤްތަކެއް މީގެ ކުރިން ފުލުހުންވެސް ކޮށްފައިވާކަމަށާއި، ރާއްޖެއިން ބޭރަށް އެވަޅި ފޮނުވައިގެން ތަހުލީލު ކުރަމުން އަންނަ ކަމަށްވެސް މިސްބާޙް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލް ހިއްސާ ނުކުރައްވައެވެ.

"މި މައްސަލައިގެ ތަހުޤީގުތަކުގެ އަލީގައި ވަޅިއަކީ ކޮމިޝަނުން ތަހުގީގުކުރާ ރިޟްވާންގެ މައްސަލައިގައި މުހިއްމު ހެއްކަކަށް ވަނީ ވެފައި".ރިޔާސީ ކޮމިޝަންގެ މެންބަރު މިސްބާޙް ޢައްބާސް ވިދާޅުވިއެވެ

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނުގެ ކައިރިން ފެނުނު ކަމަށް ބުނާ ވަޅީގެ ފޮޓޯ ޢާންމުކޮށް، އެ ވަޅިއާ ބެހޭ މަޢުލޫމާތެއް އެނގޭނަމަ އެކަން ހިއްސާކުރުމަށް ރިޔާސީ ކޮމިޝަނުން ވަނީ އެދިވަޑައިގެންފިއެވެ. ވަޅީގެ ފޮޓޯއާއެކު މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޢާންމުކުރެއްވި ބަޔާނުގައި ވަނީ އެ ވަޅިއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މ.ޝައިނިންގ ސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްކަމަށެވެ.

ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހާމަކުރައްވާފައެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަންނަނީ 27 މައްސަލައެއް ބަލަމުންނެވެ. އެކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާއި ގުޅޭގޮތުން މިސްބާޙް ވިދާޅުވީ، ގިނަ މައްސަލަތަކުގެ ބޮޑު ބައެއް ނިމިފައިވާކަމަށެވެ. އަދި މިހާތަނަށް 11 މީހެއްގެ ޕާސްޓްޕޯޓް ހިފަހައްޓަފައިވާކަމަށާއި، ތަޙްޤީގުކުރާ ބައެއް މައްސަލަތަކުގެ ރިޕޯޓްތައް ނިންމާ ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައިވާކަމަށްވެސް މިސްބާހު ވިދާޅުވިއެވެ.