ޚަބަރު

އީސީއަށް ޑރ.ޒާހިރު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް


އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ. މުހައްމަދު ޒާހިރުގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. ޑރ.ޒާހިރުގެ ނަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ޑރ. މުޙައްމަދު ޒާހިރުވަނީ މީގެ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތްކުރައްވާފައެވެ. ޑރ.ޒާހިރު ވަނީ ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ޤާނޫނު ބުނާގޮތުން މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފާއި، ނާއިބު ރައީސް އިސްމާޢީލް ޙަބީބާއި، މެންބަރު ޢަލީ ނަޝާތުއާއި މެންބަރު ފުއާދު ތައުފީޤްއެވެ.