ވިޔަފާރި

ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް މިއަހަރު ގެންދެވޭނެކަމަށް ލަފާކުރެވޭ: މަޢުސޫމް


މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިއަހަރުގެ މެދެއްހާ ހިސާބު ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ އާދީއްތަދުވަހު 4300 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. މިއާއެކު މިއަހަރުގެ މެދެއްހާ ހިސާބު ކޯވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި މިހާރު ކޯވިޑް-19ގެ ވެކްސިން ޖަހަން ފަށައިފައިވުމުންވެސް ފަތުރުވެރިކަމުގެ ސިނާއަތްކުރިއަށް އޮތްތާނގައި ކުރިއަރައިގެންދާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ މަޢުސޫމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ޤައުމުތަކުގައި އިޝްތިހާރުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީން ވަނީ މި އަހަރު މުޅިން އާ ސްޓްރެޓެޖީތަކަކާ އެކު ކޯވިޑް-19ގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ވަރަށް ފަތުރުވެރިން ގެނައުމުގެ އަމާޒު ހިފާފައެވެ.

އެގޮތުން ތަފާތު ބޮޑެތި މާކެޓިން ކެމްޕެއިންތަކެއް މިއަހަރު ތެރޭގައި ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި އެއާލައިންސް އަދި ޓުއާ އޮޕަރޭޓަރުންނާއެކު ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި ފެމެލިއަރައިޒޭޝަން ޓްރިޕްތަކާއި އަދި ޓްރެވަލް ޓްރޭޑް ފެއާތަކާއި ރޯޑް ޝޯވތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 38 ދުވަހުގެތެރޭ ރާއްޖެއަށްވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އެގޮތުން މި މުއްދަތުގައި ރާއްޖެއަށް 109219 ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރޭގައި ހިމެނެނީ މި ނިމުނު ޖެނުއަރީމަހު ރާއްޖެއަށް އައި 92103 ފަތުރުވެރިންނާއި، ފެބްރުއަރީމަހުގެ ފުރަތަމަ 7 ދުވަހު ރާއްޖެއަށް އައިސްފައިވާ 17116 ފަތުރުވެރިންނެވެ.