ވިޔަފާރި

ރާއްޖެއިން އަބޫދާބީއަށް ދާނަމަ މިހާރު ކަރަންޓީންވާން ޖެހޭނެ


އަބޫ ދާބީއަށް އެތެރެވާއިރު، ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

ޔުނައިޑަޓް އަރަބި އެމިރޭޓްސް، ޔޫ.އޭ.އީގެ ވެރިކަން ކުރާ ރަށް އަބޫދާބީން ކޮންމެ ދެ ހަފްތާއަކުން އަޕްޑޭޓްކުރާ މި ލިސްޓުގައި މިހާރު ހިމެނެނީ 12 ޤައުމެކެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަބޫދާބީއަށް އެތެރެވާ ފަރާތްތައް ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. އެހެންނަމަވެސް މިދިޔަ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުވަނީ މި އުސޫލަށް ބަދަލުތަކެއް ގެނެސްފައެެވެ. އެގޮތުން ބައެއް ޤައުމުންތަކުން އަބޫދާބީއަށް އެތެރެވާ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ކޮންމެ ދެހަފްތާއަކުން އަޕްޑޭޓްކުރާ މި ލިސްޓުން ރާއްޖެއިން ޖާގައެއް ހޯދާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 25 ވަަނަ ދުވަހު ނެރުނު ލިސްޓުންނެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގެ ކޯވިޑުގެ ޙާލަތަށްބަލާ ލިސްޓުން ރާއްޖެ ވަނީ އުނިކޮށްފައެވެ. އަބޫދާބީން އެކުލަވާލާފައިވާ 'ގްރީން ލިސްޓް" އިން ރާއްެޖެއާއެކު އިތުރު 7 ޤައުމެއް މިހާރުވަނީ އުނިކޮށްފައެވެ.

އުނިކޮށްފައިވާ ޤައުމުތަކަކީ: 1- ދިވެހިރާއްޖެ 2- ބަޙްރާން 3- އޮމާން 4- ޤަތަރު 5- ތައިލޭންޑް 6- ފޯކްލޭންޑް އައިލެންޑްސް 7- ސެއިންޓް ކިޓްސް އެންޑް ނީވިސް އެވެ.

މި ޤައުމުތައް ލިސްޓުން އުނިކޮށްފައިވާއިރު، ލިސްޓަށް ވަނީ ބޫޓާން އާއި އައިސްލޭންޑް އިތުރުކޮށްފައެވެ.

ގްރީން ލިސްޓުގައި ހިމެނޭ ޤައުމުތަކުން އަބޫދާބީއަށް އެތެރެވާ ފަރާތްތަކުން ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން އަބޫދާބީއަށް އެތެރެވުމަށްފަހު އެއަރޕޯޓުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ.

އަބޫ ދާބީގެ ގްރީން ލިސްޓުގައި ހިމެނޭ ޤައުމުތަކުގެ ތެރޭގައި، އޮސްޓްރޭލިއާ، ޗައިނާ، ސިންގަޕޯރ އަދި މޮރިޝަސް ހިމެނެއެވެ. މިޤައުމުތަކުގައި ކޯވިޑުގެ ހާލަތަށް އަންނަ ބަދަލުތަކަށް ބަލާ މި ލިސްޓަށް އުނި އިތުރުތައް ގެންނަމުންދާނެ ކަމަށް އަބޫދަބީން ހާމަކުރެއެވެ.

ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ ތެރެއިން އިއްތިހާދު އެއަރވޭސް އަކީ އަބޫދާބީން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންއެކެވެ. އެއަރލައިނުން ދަނީ ރާއްޖެއާއި އަބޫދާބީއާއި ދެމެދު ހަފްތާއަކު 6 ދަތުރު ބާއްވަމުންނެވެ.