ޚަބަރު

ހިޔާ، ޝަކުވާތަކަށް ޖަވާބު ނުލިބޭނަމަ އެކަން އެންގުމަށް އެދިއްޖެ


"ހިޔާ"މަޝްރޫޢުގެ ކެޓެގަރީތަކުގެ ވަގުތީ ލިސްޓްތަކާގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެކަން ހިއްސާކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދިއްޖެއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ވިދާޅުވީ، "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތައް އެ ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅާފައިވާ ހުރިހާ ޝަކުވާއެއް ކޮމިޓީއިން ދިރާސާކޮށް، ޝަކުވާގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްތަކަށް އީމެއިލްކޮށްފައިވާކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން ފާހަގަކުރެވިފައިވާކަމަށް އެ ކޮމިޓީން ވިދާޅުވެފައިވެއެވެ. އެހެންކަމުން ކޮމިޓީއިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް، މާދަމާގެ މެންދުރުފަހު 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖްކުރުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވަނީ އެދިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ހިޔާ" ފްލެޓުގެ އެކި ކެޓެގަރީތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓް ކޮމެޓީން ނެރެފައިވާ ވަގުތީ ލިސްޓްތަކަށް އެންމެ ފުރަތަމަ ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓެގަރީއާއި، ޓީޗަރުންނަށް ޚާއްސަ ކެޓެގަރީއާއި، މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓެގަރީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތާކާއި އާއިލާތަކަށް ޚާއްސަ ކެޓެގަރީއަށެވެ. މި 4 ކެޓަގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 24 އޮގަސްޓު 2020 އިން 14 ސެޕްޓެންބަރު 2020 އަށެވެ.

އެއަށްފަހު މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓެގަރީގެ ވަގުތީ ލިސްޓަށް 21 ސެޕްޓެންބަރު 2020 އިން 4 އޮކްޓޫބަރު 2020 އަށް ހުޅުވާލިއިރު، އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓެގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ 4 ނޮވެންބަރު 2020 އިން 16 ނޮވެންބަރު 2020 އަށެވެ. އަދި 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް 1 ޑިސެންބަރު 2020 އިން 13 ޑިސެންބަރު 2020 އަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލިއެވެ.

ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން އެންމެފަހުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓަށެވެ. އެގޮތުން އެ ކެޓަގަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ 28 ޑިސެންބަރު 2020 އިން 2 ޖަނަވަރީ 2021ގެ ނިޔަލަށެވެ. އަދި އެފަހުން ވަގުތީ ލިސްޓް އިޢުލާންކޮށްފައިވާ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް އެކުލަވާލެވިފައިވާ މިންގަނޑާގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް 30 ޑިސެންބަރު 2020 އިން 5 ޖަނަވަރީ 2021 ގެ ނިޔަލަށް ފްލެޓް ކޮމެޓީން ހުޅުވާލާފައިވެއެވެ. ވަގުތީ ލިސްޓުތަކަކާގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ޖަވާބުދާރީވުމަށްފަހު ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓުތައް ވީ އެންމެ އަވަހަކަށް އާއްމުކުރުމަށް އެ ކޮމެޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.