ވިޔަފާރި

އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަކަށް ނުނަގާނެ - އެމްއެމްއޭ


އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކުރާނެ ކަމެއް ނޫންކަމަށް އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން މިހެން ވިދާޅުވެފައިމިވަނީ، އަމިއްލަ ފަރާތްތަކުގެ އެކައުންޓަކުގައި ހުރި ޑޮލަރު ނަގަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މިކަން ދޮގުކޮށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ވިދާޅުފައިވަނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ޤާނޫނީ އޮނިގަނޑު އިސްލާޙުކުރުމުގެ މަސައްކަތް އެއޮތޯރިޓީން މިޙާރު ދަނީ ކުރަމުން ކަމަށެވެ. އަލަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރުފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

ރައްޔިތުން ބޭނުންވާ ވަރަށް ދަތިކަމެއް ނެތި ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވަނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް މުހިންމު ކަމެއްކަމަށެވެ.

މިކަމާއި ގުޅޭގޮތުން ތަފްސީލްގޮތެއްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސްވަނީ ދާދި ފަހުން ވާހަކަފުޅުދައްކަވާފައެވެ. ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކޮންމެ މީހަކަށްވެސް 15.42 ރުފިޔާއަށް ޑޮލަރެއް ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

" ކޮންމެ ބޭފުޅަކުވެސް ބޭނުންވާނީ 15.42 ރުފިޔާ ހިފައިގެން ޑޮލަރު ހޯދަން އެދާން ޖެހޭ ތަނަކަށް ދިޔައީމަ އެއް ޑޮލަރު ލިބުން، އަޅުގަނޑުމެންގެ މިހުރިހާ ޕްރޮސެސް، އެމްއެމްއާ އެކުވެސް މަސައްކަތްތަކެއް އެބަކުރަން، ކެބިނެޓަށް އޭގެ ތަފްސީލްތަށްވެސް ހުށަހެޅި އޭގެ އެންޑޯސްމަންޓުވެސް ލިބިފަ އޮތީ، އޭގެ ނަތީޖާއަކަށް ވެގެންދާނީ ކޮންމެ ބޭފުޅަކުވެސް 15.42 ރުފިޔާ ހިފައިގެން ދިޔުމުން އެއް ޑޮލަރު ލިބުމުގެ ޔަޤީން ކަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިސާދު ވަރަށް ބޮޑަށް ޑޮލަރައިޒްޑްވެފައިވާ ކަމަށެވެ. އަދި ބޭރުގެ އެކި ފަރާތްތަކުންވެސް އެކަން ފާހަގަކޮށްފައިވާ ކަމަށާއި، މިކަމަށް ހައްލެއް ހޯދަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިނިވަން އިންޑިޕެންޓެންޓު މާލީ ސިޔާސަތެއް، މަނިޓަރީ ޕޮލިސީއެއް ހިންގެން ހަޤީޤަތުގައި އޮތީ އެމަސައްކަތް އެގޮތަށް ކުރެވިގެން، މިހާރު އަޅުގަނޑު ދެކޭގޮތުގައި އެކަންކަމަށް އެބަހުރި ގޮންޖެހުންތަކެއް އެއީ މިވަރަށް އިޤްތިސާދު ޑޮލަރައިޒްޑްވެފަ އޮތީމަ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމާގުޅޭ ތަފްސީލް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހާމަކުރައްވަމުން ދާނެކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރު ކުޑަކުރުމަށް އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ދަނީ ދޫކުރަމުންނެވެ.