ޚަބަރު

އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ


މިއަހަރުގެ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިމަހުގެ 26އިން 28އަށް، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރ ގުޅިގެން ބާއްވާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ އިންޑިއާ ސަރުކާރުގެ ދައުވަތަކަށެވެ.

ކޯވިޑް-19 އަށްފަހު ބައިނަލްއަޤްވާމީ ވިޔަފާރިއާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި މިއަހަރު ބާއްވާ މި ބައްދަލުވުމުގައި މިމަހުގެ 28 ވަނަ ދުވަހު އޮންނަ ޕެނަލްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ ވަރޗުއަލްކޮށް ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރާއި، މި ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި މާލީ އަދި އިޤްތިޞާދީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ 5ވަނަ ފަހަރެވެ. އިންޑިއާގެ ޚާރިޖިއްޔާއާއި ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗްކުރި ތިންކް ޓޭންކެކެވެ.