ލ. ގަމު ފަޅުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ލުއި ނުދޭން ކްރިމިނަލްކޯޓުން ނިންމައިފިއެވެ.
ލ. ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާ މުސާ އިނާޒުގެ މައްޗަށެވެ. މީނާއަކީ 2007 ވަނަ އަހަރު ފަތުރުވެރިންތަކަށް އަމާޒުކޮށް ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލި މައްސަލާގައިވެސް ދައުލަތުން އުފުލި ޓެރަރިޒަމްގެ ކުށް ސާބިތުވި މީހެކެވެ.
ލ.ގަމު ތުނޑި ބަނދަރުގައި އަޅާފައި އޮތް އެރަށު ފުލުހުންގެ "ލޯންޗު 34" ގައި ރޯކޮށްލާފައިވަނީ މިދިޔަ މާރޗް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 03:45 ހާއިރުއެވެ. އެރޭ އެސަރަހައްދަށް އެމްއެންޑީއެފް ގޮސް ބެލިއިރު ލޯންޗްގެ ވާ ކަނޑާލާފައިވާކަމަށާއި، މިކަމަކީ ބަޔަކު ގަސްތުގައި ކުރިކަމެއްކަން އެނގޭކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ އަލިފާނގަޑު ނިންވާލެވުނީ ފަތިހު 5 ޖަހާ އެހާކަންހާއިރު ކަމަށާއި ލޯންޗް ބޭނުން ނުކުރެވޭވަރަށް އަނދާ ފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި އިނާޒްގެ ބަންދަށް ލިޔެއް ދިނުމަށް އެނާގެ ފަރާތުން ވަނީ ކޯޓްގައި އެދިފައެވެ. މިގޮތުން ރަނގަޅަށް ބޭސްފަރުވާ ނުކުރެވޭކަމަށާއި އާތްރައިޓްސް ހުންނާތީ ގައިގައި ރިއްސާ އެކި ސިއްހީ މައްސަލަތައް ދިމާވާކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ. އެހެންކަމުން ބަންދުން ދޫކޮށްލަދިނުމަށާއި ނިދުމަށް ގޮނދަޑިއެއް ހަމަޖައްސާދިނުމަށްވެސް އޭނާ ވަނީ ކޯޓުގައި އެދިފައެވެ. އޭނާގެ މިވާހަތަކަށް ޖަވާބު ދާރީވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އިނާޒްގެ ވާހަކަތަކީ މީގެކުރިން އޭނާ ދައްކާފައި ނުވާ ވާހަކަތަކެއްކަމަށާއި އޭނާ ދުކޮށްލައިފިނަ ހެއްކެއް ނުފީޒު ފޯރުވުމުގެ ބިރު އެބައޮތްކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ރައްކަލަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އިނާޒް ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް ދާދި އަވަހަށް ފަށާނެކަންވެސް ޝަރީއަތުން ވަނީ އިއުލާންކޮށްފައެވެ.
ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލާގައި އިނާޒްގެ އިތުރުން ލ ގަމު ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށްވެސް ދައުލަތުންވަނީ ދައުވާ އުފުލާފައެވެ. މީނާއަކީވެސް 2007 ގައި ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލާގައި ހިމެނޭ މީހެކެވެ. އެހެންނަމަވެސް މީނާއަކީ އެ ހަމަލާއަށް ފަހު ފިލައިގެން އުޅުނު މީހެކެވެ.